
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްތީނުގެ ބިމުން ޒަޔަނިސްޓް ޔަހޫދީން ހިފާފައިވާ ރަށްތަކަށް އީރާނުން ދެމުންދާ ވަރުގަދަ ޙަމަލާތަކާ ގުޅިގެން އެތަކެއް ހާސް ފަތުރުވެރިންތަކެއް އެ ރަށްތަކުގައި ތާށިވެއްޖެއެވެ. ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކޮށްގެން އީރާނުން ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ، ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އިސްވެ އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށުމުގެ ކުރިން ޔަހޫދީންގެ ރަށްތަކަށް ދަތުރު ކޮށްފައިވާ ބޭރު ޤައުމުތަކުގެ ފަތުރުވެރިންނަށް ކުރިމަތިލާން ޖެހިފައި މި ވަނީ ބިރުވެރި، އަދި ނުރައްކާތެރި ހާލަތަކާއެވެ. ހޭލެވެނީ، އީރާނުގެ ނުރައްކާތެރި ޙަމަލާތަކުގެ އިންޒާރު ރަނގަބީލުގެ އަޑުފަށްގަނޑަށެވެ. ގިނަ ވަގުތު ހޭދަ ކުރަން މަޖުބޫރުވެފައި ވަނީ ޙަމަލާތަކުން ރައްކާތެރިކަން ހޯދުމަށް ބިންގަރާސްތަކުގައި ބިނާ ކޮށްފައިވާ ބޮން ޝެލްޓަރ ނުވަތަ ހިޔާތަކުގައެވެ. ޔަހޫދީންގެ ރަށްތަކަށް ދަތުރު ކޮށްފައިވާ ފަތުރުވެރިންނަށް ވެސް އީރާންގެ ނުރައްކާތެރި ޙަމަލާތަކުން ސަލާމަތްވެވޭނެ މަގުތައް ވަނީ ބަންދުވެފައެވެ. އަދި، އެ މީހުންގެ ޗުއްޓީ ވަނީ ޚަރާބުވެފައެވެ.
ޖޫން 13ވަނަ ދުވަހު އިސްވެ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ފަހު ޔަހޫދީ ސަރުކާރުން ވަނީ ޔަހޫދީން ކޮންޓްރޯލްކުރާ ވައިގެ ސަރަޙައްދާއި ވައިގެ ބަނދަރުތައް ބަންދު ކޮށްފައެވެ. އަދި، ތިބި ތާކު ތިބެ، ރައްކާތެރިކަން ހޯދުމަށް އެ ޤައުމުގެ ރައްޔިތުންނާއި އެ ޤައުމަށް ޒިޔާރަތް ކުރަމުން ގޮސްފައިވާ ފަތުރުވެރިންނަށް އިރުޝާދު ދީފައެވެ. ޔަހޫދީންގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، އެމީހުންނާ އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅިގެން އެ ޤައުމަށް ދަތުރުކުރި 40,000އެއްހާ ފަތުރުވެރިން ތާށިވެފައިވާ ކަމުގައެވެ. އެއަރލައިންތަކުން ވައިގެ އުދުހުންތައް ކެންސަލް ކުރުމާ އެކު، އެ މީހުންނަށް އަމިއްލަ ވަޒަނަށް ދަތުރު ކުރުމުގެ މަގުތައް ވަނީ ބަންދުވެފައެވެ. އޭގެ ތެރެއިން އެއް ފަތުރުވެރިއެއް ކަމުގައިވާ އެމެރިކާގެ ކެލިފޯނިޔާގެ ޖަސްޓިން ޖޮއިނަރ ބުނީ، ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާނެ ކަމަށް ކުރިން ބެލެވިފައި ނެތް ކަމުގައެވެ. އަދި، ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން އެ މީހުން ޔަހޫދީންގެ ރަށްތަކުގައި ތާށިވެފައިވާ ކަމަށާއި، ޔަހޫދީންނަށް ރައްދު ދިނުމުގެ ގޮތުން ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ދެމުންދާ ނުރައްކާތެރި ޙަމަލާތަކުގެ މަންޒަރުތައް އޭނާ ހުރި ހޮޓަލުން ފެންނަމުންދާ ކަމުގައެވެ.
ޔަހޫދީންގެ ރަށްތަކުގައި ތާށިވެފައި ތިބި ފަތުރުވެރިންނަށް އެ ޤައުމު ދޫކޮށް އަމިއްލަ ވަޒަނަށް ދަތުރު ކުރެވެން މި ވަގުތު އޮތް ހަމައެކަނި މަގަނީ އެއްގަމު މަގުން އުރުދުނަށް ދަތުރު ކުރުމެވެ. އަދި، އުރުދުންގެ ވެރިރަށް ޢައްމާނުން އެއަރލައިނެއް ހޯދުމެވެ. އެރަށްތަކުގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ފަތުރުވެރިން ޢައްމާން މަގުން އަމިއްލަ ޤައުމަށް ދަތުރު ފަށާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޔަހޫދީން ގަދަބާރުން ވެރިވެގަނެގެން އުޅޭ ރަށްތަކަށް ދަތުރު ކޮށްފައިވާ ބޭރު ޤައުމުތަކުގެ ގިނަ ފަތުރުވެރިން މި ވަގުތު ތިބީ ޔަހޫދީންގެ އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ޤުދުސްގައެވެ. ޔަހޫދީންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އީރާނުން ދެމުންދާ ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންގެ ވެރިރަށް ތެލް އަވީވާއި ބަނދަރުމަތީ ރަށް ޚައިފާއަށެވެ. ނަމަވެސް، އީރާންގެ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ހުރިހާ ރަށެއްގައިވާ ފަތުރުވެރިންގެ މަންޒިލްތައް ވަނީ ބަންދު ކޮށްފައެވެ. “މަގުތަކާއި ފިހާރަތައް އޮތީ ހުހަށް. އެންމެން ވެސް އެދެނީ ޙަމަލާތައް މެދުކަނޑައިލުމަށް، އަދި މި އަނދިރިކަމުގެ ތެރެއިން ކޮންމެ ވެސް ހެވެއް ފެނުމަށް،” ޤުދުސްގައި ދިރިއުޅޭ ރައްޔިތަކު ބުންޏެވެ.
އީރާނާއި ޔަހޫދީންނާ ދެމެދު މި ވަގުތު ވެސް ދަނީ މެދުކެނޑުމެއް ނެތި ޙަމަލާތައް ބަދަލު ކުރަމުންނެވެ. އީރާނުން ބުނީ، ކުރިން ނުދޭ ފަދަ ނުރައްކާތެރި އަދި ވަރުގަދަ ޙަމަލާތަކެއް ޔަހޫދީންގެ ރަށްތަކަށް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައެވެ. ޔަހޫދީ ފައުޖުން އީރާނަށް ދެމުންދާ ޙަަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 220އަށް އުފުލިފައެވެ. އޭގެ ތެރޭގައި 70 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދެމުންދާ ޙަމަލާތަކުގައި ޔަހޫދީންގެ 20 ވަރަކަށް މީހުން ވަނީ މަރައިލާފައެެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާއިރު، އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
