
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީިނުުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން އެ ސަހަރުން އިންޓަރނެޓުގެ ޚިދުމަތްތައް ކަނޑައިލައި، ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅާފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. 2023ވަނަ ދުވަހުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފެށި ޤަތުލުޢާންމުގެ ދަށުން، މާރިޗު 2ވަނަ ދުވަހަށް ފަހު ޔަހޫދީން އޮތީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ހުރަސް އަޅާފައެވެ. އދގެ ތަރުޖަމާނުގެ ނައިބު ފަރްޙާން ޙައްޤު ވިދާޅުވީ، ޣައްޒާގައި އިންޓަރނެޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ މައި ކޭބަލަކަށް ޔަހޫދީ ފައުޖުން ޙަމަލާދީ، ގެއްލުން ދީފައިވާ ކަމުގައެވެ. އަދި، އެ ސަހަރުން އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލާފައި ވަނީ އެ ޙަމަަލާތަކުގައި ކަމުގައެވެ. އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލުމާ އެކު، އެ ސަހަރުގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
“ކުއްލިހާލަތްތަކުގައި ފޯރުކޮށްދޭ ޚިދުމަތްތަކާއި، އިންސާނިއްޔަތު ކަމަށް ޓަކައި ފޯރުކޮށްދޭ ޚިދުމަތްތަކުގެެ އިތުރުން ޢާންމުންނާ ގުޅޭ މުހިންމު މަޢުލޫމާތު ބަދަލު ކުރުމަށް ބޭނުންވާ މުއާޞަލާތީ މައިނާރު ބުރިކޮށްލައިފި. މި ވަގުތު އެއްވެސް ވަރަކަށް އިންޓަރނެޓުގެ ޚިދުމަތެއް ނުލިބޭ، އަދި މޮބައިލް އިންޓަރނެޓުގެ ޚިދުމަތަށް ވެސް ވަނީ ބުރޫއަރާފައި،” ޙައްޤު ވިދާޅުވިއެވެ. ޔަހޫދީންގެ މި ޖަރީމާގެ ސަބަބުން ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ފަރުވާ ހޯދުމަށް ޣައްޒާގެ ރައްޔިތުންނަށް ހުރަސް އެޅިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ މެދުކެނޑުމެއް ނެތި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ޢުދުވާނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ބުނީ، ފާއިތުވި 48 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ތަފާތު އެކި ޙަމަލާތަކުގައި 52 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރެއިން 26 މީހުން ޝަހީދު ކޮށްލާފައި ވަނީ، ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެހީ ބަހަމުން ދިޔަ މަރުކަޒެއް ކައިރިއަށް ޖަމާވި ޢާންމުންނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައެވެ. ޖީއެޗްއެފަކީ، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން ޤާއިމު ކޮށްފައިވާ ޖަމުޢިއްޔާއެކެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ޣައްޒާއިން 52 މީހުން ޝަހީދު ކޮށްލާފައި މި ވަނީ، އެ ސަހަރުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލައި އދގެ ޢާންމު މަޖިލީހުން ޤަރާރެއް ފާސް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެއްވެސް ޝަރުޠަކާ ނުލައި ޣައްޒާ ޤަތުލުޢާންމު ވަގުތުން ހުއްޓައިލުމަށް އެ ޤަރާރުގައި އދން ވަނީ ގޮވައިލާފައެވެ. ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ބުނީ، ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ އެ ސަހަރުގެ އުތުރާއި ދެކުނު ވަކި ކުރުމަށް ޤާއިމު ކޮށްފައިވާ ނެޓްޒަރީމް ޗެކްޕޮއިންޓު ކައިރީގައި ޖީއެޗްއެފުން އެހީ ބެހުމަށް ޤާއިމު ކޮށްފައިވާ މަރުކަޒެއް ކައިރިއަށް ކަމުގައެވެ. އެ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ މުޙައްމަދު އަލް-މުޣަޔިރު ވިދާޅުވީ، އެ ސަރަޙައްދަށް ޙަމަލާ ދީފައި ވަނީ ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯނަކުން ކަމުގައެވެ. އެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ 10 މީހެއްގެ ހަށިގަނޑު އަލް-ޢަވްދާ ހަސްފަތާލަށް ގެންގޮސްފައިވާ ކަމަށާއި، އެ ޙަމަލާގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 200އަށް އުފުލިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ބެހުމުގެ މަސައްކަތާ ޖީއެޗްއެފުން ޙަވާލުވި ފަހުން، ޔަހޫދީ ފައުޖުން ވަނީ އެހީ ބަހާ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައްދީ، އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކޮށްލާފައެވެ. މިއީ، ޖީއެޗްއެފާ ގުޅިގެން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެއްގެ ގޮތުގައި އދގެ އިދާރާތަކާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ސިފަ ކުރެއެވެ. އެހީ ބެހުމުގެ ނަމުގައި ޖީއެޗްއެފުން ހިންގަމުންދާ ޖަރީމާތަކަށް އދން މީގެ ކުރިން ވަނީ ފާޑުކިޔާފައެވެ. “[ޖީއެޗްއެފުން] އަމަލު ކުރަމުންދާ ގޮތުން [ޣައްޒާގައި] ހައިހޫނުގައި ޖެހިފައިވާ މީހުންގެ ބަނޑުހައިހޫނުކަމުގެ ހާލަތަށް ބަދަލެއް ނާދޭ. އެ ބިރުވެރި ޖަރީމާ މި ވަނީ ޙަޤީޤަތަކަށް ހަދާފައި. އދއާއި އުންރްވާއަކީ އެހީ ފޯރުކޮށްދިނުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ލިބިފައިވާ އިދާރާތަކެއް، އަދި މުޖުތަމަޢުގެ އިތުބާރު ލިބިފައިވާ، އެހީ ބެހުމުގެ ކަންކަން ރައްކާތެރިކަމާ އެކު، އަދި އިންސާނީ ކަރާމާތާ އެކު ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އޮތް އިދާރާތަކެއް،” ފަލަސްޠީިނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވިއެވެ. އުންރްވާން ބުނީ، އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލުމުގެ ސަބަބުން ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ އެ އިދާރާގެ ޓީމުތަކާ މުއާޞަލާތީ ގުޅުން ކެނޑިފައިވާ ކަމުގައެވެ.
ޣައްޒާއިން އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލައި، އިންސާނީ އެހީ ބެހުމުގެ މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ހުރަސް އެޅުމާ ގުޅިގެން އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވެސް ވަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އެއީ، ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ފަށާފައިވާ އައު ޖަރީމާއެއްގެ ގޮތުގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމުޢިއްޔާއިން ސިފަ ކުރިއެވެ. “[ޔަހޫދީ ފައުޖުގެ] އަނިޔާވެރިކަމަށް ނިމުމެއް ގެނެސް، ޢާންމުންނާއި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކާއި މަދަނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލަން،” އެ ޖަމުޢިއްޔާއިން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
