
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ، ޙަމަލާތަކެއް ދިނުމަށް ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ކަމާ ގުޅޭ ގޮތުން ޖޫން 14ވަނަ ދުވަހު ޓްރަމްޕް ވާހަކަފުޅު ދައްކަވާފައިވުމާ އެކު، ޔަހޫދީން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި މި ވަނީ ޓްރަމްޕަށް އެނގިވަޑައިގަންނަވައިގެން، އަދި އޭނާގެ ރުހުމާ އެކުގައި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޖޫން 13ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އީރާންގެ އަށް ސަރަޙައްދަކަށް ފަސް ފަހަރު މަތިން ޙަމަލާ ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރަމުންދާ މަރުކަޒުތަކާއި، އަސްކަރީ މަރުކަޒުތަކުގެ އިތުރުން އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށެވެ. ޙަމަލާތައް އަމާޒު ކޮށްފައިވާ ރަށްތަކުގެ ވެރިރަށް ޠަހްރާނާއި، ދެކުނުގައި އޮތް ނަޠަންޛާއި އަޞްފިހާނާއި، ހުޅަނގުއުތުރ ތަބްރީޛާއި، ހުޅަނގުދެކުނު އަރާކީގެ އިތުރުން ހުޅަނގުގައި އޮތް ކަރްމަންޝާހް ހިމެނެއެވެ.
އީރާނުގެ މީޑިޔާއާއި މަންޒަރު ފެނުނު މީހުން ބުނީ، ނަޠަންޛުގައި ހުރި ޔުރޭނިޔަމް މުއްސަނދި ކުރާ އެންމެ ބޮޑު މަރުކަޒަށް ވެސް ޔަހޫދީ ފައުޖުން ޙަމަލާ ދީފައިވާ ކަމުގައެވެ. އަދި، އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ބުނީ، ޔަހޫދީންގެ ޙަމަލާގައި އެ ލަޝްކަރުގެ އިސް ކޮމާންޑަރު ޙުސައިން ސަލާމީ ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭނާގެ އިތުރުން އީރާނުގެ އަސްކަރިއްޔާގެ އިސް ޖެނެރަލް މުޙައްމަދު ބާޤިރީ ޝަހީދު ކޮށްލާފައިވާ ކަމުގައި އެ ޤައުމުގެ ބައެއް މީޑިޔާތަކުން ރިޕޯޓު ކުރެއެވެ. ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. ޔަހޫދީންގެ ޙަމަލާތައް ފެށުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނަށް ޔަހޫދީން ޙަމަލާތަކެއް ދިނުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. އެމެރިކާގެ ޖާސޫސީ އިދާރާގެ މަޞްދަރުތަކުން ވެސް ބުނީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ކަމުގައެވެ. ޒަޔަނިސްޓު އިސްރާއީލުގެ މަޞްދަރަކުން ވެސް ވަނީ، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް އީރާނުން ހުއްޓައިނުލައިފި ނަމަ އެ ޤަައުމަށް ޙަމަލާތަކެއް ދޭނެ ކަމުގައެވެ.
ޔަހޫދީން އީރާނަށް ޙަމަލާ ދީފައި މި ވަނީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި، ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އީރާން ކަމުގައި ޓްރަމްޕް ދެކެވަޑައިގަންނަވައެވެ. ޖޫން 12ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ އެންމެ ބޮޑު އުންމީދަކީ ސުލްޙަވެރިކަމާ އެކު އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން އުފެދިފައިވާ މައްސަލައަށް ޙައްލެއް ހޯދުން ކަމުގައެވެ. އީރާނަށް ޙަމަލާ ދޭނެ ކަމަށް ބުނެ، ޔަހޫދީން އިންޒާރު ދެމުން ގޮސްފައި ވަނީ، އޭނާގެ ޝަރުޠުތަކަށް އެއްބަސްވުމަށް އީރާނަށް މަޖުބޫރު ކުރުވުމުގެ ގޮތުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. “އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މައްސަލައަށް ޚާރިޖީ ދާއިރާއިން ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،” ޓްރަމްޕް ވިދާޅުވިއެވެ.
“އަޅުގަނޑުގެ މުޅި ސަރުކާރުން ދަނީ އީރާނާ އެކު ސީދާ މަޝްވަރާތައް ބާއްވަމުން. އީރާނަކީ ވަރަށް ފައްކާ ޤައުމަކަށް ވުމުގެ ފުރުޞަތު އެބައޮތް، ނަމަވެސް އެ ކަން ހާސިލު ކުރެވޭނީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ އުންމީދުތައް ދޫކޮށްލައިގެން،” އޭނާ ވިދާޅުވިއެވެ. ނަމަވެސް، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ ޙައްޤު ދޫކޮށްލުމަށް އީރާނުން ދަނީ އިންކާރު ކުރަމުންނެވެ. އަދި، އެ ކަމާ ގުޅިގެން އީރާނާއި އެމެރިކާއާ ދެމެދު ކުރަމުން ދިޔަ މަޝްވަރާތައް ވަނީ ކުރިއެރުމެއް ނުލިބި، މަޑުޖެހިފައެވެ. ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި މި ވަނީ، އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގެ ހަވަނަ ބައްދަލުވުމެއް އޮމާނުގައި ބޭއްވުމަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ. ނަމަވެސް، ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން ޖޫން 15ވަނަ ދުވަހު ބޭއްވުމަށް ރާވާފައިވާ ބައްދަލުވުމަށް ދެން ވާނެ ގޮތެއް ސާފު ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ޔަހޫދީން އީރާނަށް ޙަމަލާ ދީފައި ވަނީ ޓްރަމްޕްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ވައިޓް ހައުސުން ވަނީ، އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ސީދާ ގޮތެއްގައި ބައިވެރިނުވާނެ ކަމުގައި ބުނެފައެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެމެރިކާގެ ރުހުމާއި ނުލައި ޔަހޫދީން އީރާނަށް ޙަމަލާއެއް ދޭނެ ކަމަށް ޤަބޫލު ކުރަން ދަތި ކަމުގައެވެ.
އީރާނަށް ދީފައިވާ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޒަޔަނިސްޓު އިސްރާއީލަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ އީރާނުން ވަނީ އިންޒާރު ދީފައެވެ. އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ، އާޔަތުالله ޢަލީ އަލް-ޚާމަނާޢީގެ އިތުރުން އައިއާރްޖީސީން ވެސް ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައެވެ. އެ އިންޒާރުތަކާ ގުޅިގެން ޒަޔަނިސްޓު އިސްރާއީލުގައި ކުއްލިހާލަތު އިޢުލާނުކޮށް، ދިފާޢީ ފިޔަވަޅުތައް ހަރުދަނާ ކުރަން ފަށާފައިވާއިރު ޓްރަމްޕް ވިދާޅުވީ ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމުގައެވެ. އަދި، އެ ކަން ހާސިލު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް، އަދި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީން ކަން އަރުވާ ކަމުގައެވެ.
އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި ޓްރަމްޕް ބޭނުންވާ ކަންކަން ހާސިލު ނުވެއްޖެ ނަމަ، އަދި އޭނާގެ ޝަރުޠުތަކަށް އީރާނުން އިންކާރުކޮށް، މަޝްވަރާތައް ފޭލުވެެއްޖެ ނަމަ، އީރާނަށް ޙަމަލާ ދޭނެ ކަމުގައި ވިދާޅުވެ ޓްރަމްޕް ވެސް ވަނީ ކުރިން އިންޒާރު ދެއްވާފައެވެ. އަދި، އެމެރިކާއިން އީރާނަށް ދޭ ޙަމަލާތަކެއްގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުޞަތު ޔަހޫދީ ފައުޖަށް ދޭނެ ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ. މިއިން ވެސް ދޭހަކޮށްދެނީ، އީރާނަށް ޙަމަލާ ދިނުމުގައި ޓްރަމްޕްގެ ބައިވެރިވުން އޮތް މިންވަރު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
