
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު އިސްރާއީލުގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. އެ ޤައުމުން ޔަހޫދީންނަށް އިންޒާރު ދީފައި މި ވަނީ ޖޫން 13ވަނަ ދުވަހުގެ ދަންވަރުގެ ވަގުތުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން އީރާނަށް ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރަމުންދާ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތަކަށެވެ. އީރާންގެ ސަލާމަތީ ދާއިރާގެ މަޞްދަރަކުން ބުނީ، ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ޙަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމުގައެވެ. “ބަދަލު ހިފުމުގެ ގޮތުން އިސްރާއީލަށް އަމާޒުކޮށް ދޭ ޙަމަލާތައް ވަރަށް ނުރައްކާތެރި ވާނެ،” ނަން ހާމަކޮށްފައި ނުވާ މަޞްދަރުން ބުންޏެވެ. އަދި، ބަދަލު ހިފުމުގެ ގޮތުން އަމަލު ކުރާނެ ގޮތަކާ މެދު އީރާން ސަރުކާރާއި އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގައި މަޝްވަރާ ކުރަމުންދާ ކަމުގައި ވެސް އޭނާ ބުންޏެވެ.
ޔަހޫދީ ފައުޖުން ވަނީ އީރާންގެ އަށް ސަރަޙައްދަކަށް ފަސް ފަހަރެއްގެ މަތިން ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރަމުންދާ މަރުކަޒުތަކާއި، އަސްކަރީ މަރުކަޒުތަކުގެ އިތުރުން އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށެވެ. ޙަމަލާތައް އަމާޒު ކޮށްފައިވާ ރަށްތަކުގެ ވެރިރަށް ޠަހްރާނާއި، ދެކުނުގައި އޮތް ނަޠަންޛާއި އަޞްފިހާނާއި، ހުޅަނގުއުތުރ ތަބްރީޛާއި، ހުޅަނގުދެކުނު އަރާކީގެ އިތުރުން ހުޅަނގުގައި އޮތް ކަރްމަންޝާހް ހިމެނެއެވެ.
އީރާނުގެ މީޑިޔާއާއި މަންޒަރު ފެނުނު މީހުން ބުނީ، ނަޠަންޛުގައި ހުރި ޔުރޭނިޔަމް މުއްސަނދި ކުރާ އެންމެ ބޮޑު މަރުކަޒަށް ވެސް ޔަހޫދީ ފައުޖުން ޙަމަލާ ދީފައިވާ ކަމުގައެވެ. އަދި، އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ބުނީ، ޔަހޫދީންގެ ޙަމަލާގައި އެ ލަޝްކަރުގެ އިސް ކޮމާންޑަރު ޙުސައިން ސަލާމީ ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭނާގެ އިތުރުން އީރާނުގެ އަސްކަރިއްޔާގެ އިސް ޖެނެރަލް މުޙައްމަދު ބާޤިރީ ޝަހީދު ކޮށްލާފައިވާ ކަމުގައި އެ ޤައުމުގެ ބައެއް މީޑިޔާތަކުން ރިޕޯޓު ކުރެއެވެ. ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. އީރާންގެ ދައުލަތުގެ މީޑިޔާއިން ބުނީ، ޠަހްރާންގައި ހުންނަ އައިއާރްޖީސީގެ މައި މަރުކަޒަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި އެ އިމާރާތް ކައިރީގައި ހުރި ޢާންމުން ދިރިއުޅޭ އިމާރާތަކަށް ގެއްލުންވެ، ޢާންމުންގެ ބަޔަކު ޝަހީދުވި ކަމުގައެވެ. އަދި، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމުގައެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގައި މަސައްކަތް ކުރާ އިސް ދެ ސައިންޓިސްޓުން ޝަހީދު ކޮށްލާފައިވާ ކަމުގައި ވެސް އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ބުންޏެވެ. އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ، އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ވެސް ވަނީ ބަދަލު ހިފުމުގެ ގޮތުން ޒަޔަނިސްޓުންނަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެ އިންޒާރުތަކާ ގުޅިގެން ޒަޔަނިސްޓު އިސްރާއީލުން ވަނީ ކުއްލިހާލަތު އިޢުލާނުކޮށް، ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައެވެ. ވަގުތީ ގޮތުން ބަންދު ކޮށްފައިވާ މުހިންމު ތަންތަނުގެ ތެރޭގައި ވެރިރަށް ތެލް އަވީވްގެ މައި ވައިގެ ބަނދަރު، ބެން ގޫރޮޔޮން ވައިގެ ބަނދަރު ވެސް ހިމެނެއެވެ.
ޔަހޫދީ ފައުޖުން އީރާނަށް ދީފައިވާ ޙަމަލާތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ކުށްވެރި ކުރަމުންނެވެ. އޭގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ ހިމެނެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުނީ، ޔަހޫދީން ހިންގާފައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއް ކަމުގައެވެ. އަދި، މަސްރަޙު އިތުރަށް ހޫނުވިޔަ ނުދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަޢޫދީ ޢަރަބިއްޔާއިން ވަނީ އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހަށް ގޮވައިލާފައެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ޔަހޫދީންގެ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރި ގޮތުގައި، ޔަހޫދީ ފައުޖުން ހިންގާފައި އެ ވަނީ ހަނގުރާމަ އިޢުލާނު ކުރުމާ އެއް ފަދަ އަމަލެކެވެ. ސެންޓަރ ފޯ ސްޓްރެޓީޖިކް ސްޓަޑީޒްގައި މަސްރަޙު ދިރާސާ ކުރައްވާ ޢަަލީ އަކްބަރު ދާރީނީ ވިދާޅުވީ، އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ. އަދި، ޔަހޫދީންގެ ކިބައިން އީރާނުން ބަދަލު ހިފާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމުގައެވެ. “ޙަމަލާތަކުގެ ކުރިން އެމެރިކާއިން ވަނީ މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި އެ ޤައުމުގެ އިސްތިޢުމާރީ ސިފައިންގެ އަދަދު މަދު ކުރަން ފަށާފައި،” އޭނާ ވިދާޅުވިއެވެ.
ޙަމަލާތަކުގައި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް ކުރެވޭ ތުހުމަތުތައް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދޮގު ކުރައްވާފައެވެ. ނަމަވެސް، އެމެރިކާގެ ފޮކްސް ނިއުސަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވަނީ އީރާނަށް ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި، ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އީރާނުގެ އަސްކަރީ ކޮމާންޑަރުން އެނބުރި ނާންނާނެ ކަމުގައި ވިދާޅުވެ، އޭނާ ވަނީ އީރާނަށް ފުރައްސާރަ ކުރައްވާފައެވެ. އަދި، ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
