
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ބެހުމުގެ ނަމުގައި ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން ޤާއިމު ކޮށްފައިވާ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމު ކުރަމުންދާ މީހުންގެ އަދަދު އެތަކެއް ގުނައަކަށް އިތުރުވެ، ޣައްޒާގެ ޞިއްޙީ ނިޒާމަށް ބާރު ބޮޑުވެފައިވާ ކަމުގައި ބައިނަލްއަޤްވާމީ ރެޑް ކްރޮސް ކޮމިޓީ (އައިސީއާރްސީ)ން ހާމަކޮށްފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގައި އެ ސަހަރުގެ ޞިއްޙީ ނިޒާމު އޮތީ ފުނޑުފުނޑު ކޮށްލާފައެވެ. ޖީއެޗްއެފަކީ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ކަންކަން ޔަހޫދީންގެ އަތްދަށަށަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައިވެރިވުމާ އެކު އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އެހީ ބެހުމުގެ ނަމުގައި ޖީއެޗްއެފާ ގުޅިގެން ޔަހޫދީ ފައުޖުން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އަދި، އެހީ ބަލައިދާ މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއްދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށް، ޒަޚަމު ކުރަމުންނެވެ.
އައިސީއާރްސީން ބުނީ، ޣައްޒާގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައެވެ. އަދި، ޖީއެޗްއެފްގެ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމު ކުރަމުންދާ މީހުންގެ އަދަދު އިތުރުވުމާ އެކު، ޣައްޒާގެ ޞިއްޙީ ނިޒާމަށް ބާރު ބޮޑުވެފައިވާ ކަމުގައެވެ.
“ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ރަފަޙްގައި ހުރި ރެޑް ކްރޮސްގެ ވަގުތީ ހަސްފަތާލުގައި 12 ވަރަކަށް ފަހަރު ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ ފަރުވާ ދޭން ޖެހުނު. [ޔަހޫދީ ފައުޖުގެ] ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ގިނަ އަދަދެއްގެ ބަޔަކަށް އެ ތަނުގައި ފަރުވާ ދީފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބަޑީގެ ޙަމަލާތަކާއި ބޮމުގެ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުން،” އައިސީއާރްސީން ނެރުނު ބަޔާނެއްގައި ހާމަކުރިއެވެ.
“ފަރުވާ ދީފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ބުނީ، [ޔަހޫދީ ފައުޖުން] އެ މީހުންނަށް ޙަމަލާ ދީފައި ވަނީ ކާބޯތަކެތި ހޯދުމަށް [ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް] ޖަމާވުމުން ކަމުގައި،” އައިސީއާރްސީން ބުންޏެވެ. އެމެރިކާއާ ގުޅިގެން ޔަހޫދީން އުފައްދާފައިވާ ޖީއެޗްއެފުން ޣައްޒާގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް ފަށާފައި ވަނީ މޭ 27ގައެވެ. އެ ޖަމުޢިއްޔާގެ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ ސަތޭކައަށް ވުރެ މައްޗަށް އުފުލިފައެވެ.
ޖީއެޗްއެފްގެ މަރުކަޒުތައް ކައިރީގައި 125 މީހުން ޝަހީދު ކޮށްލުން
ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތް ޖީއެޗްއެފްގެ އަތްދަށަށް ގެންދިޔުމަށް ފަހު، ޔަހޫދީން ވަނީ އެކުވެރި ދައުލަތްތައް (އދ)އާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ފެޔަށް ޖައްސާފައެވެ. މާރިޗު 2ވަނަ ދުވަހު ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅާފައިވާއިރު، ޣައްޒާގައި އާބާދީގައި ހިމެނޭ 2.3 މިލިޔަނެއްހާ މީހުންގެ %100 މީހުން މި ވަގުތު ހައިހޫނުގައި ޖެހުމަށް ހުށަހެޅިފައިވާ ކަމުގައި އދގެ އިދާރާތަކުން ހާމަކުރިއެވެ.
ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 125އަށް އުފުލިފައިވާ ކަމުގައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 736އަށް އަރާ ކަމުގައެވެ. ޔަހޫދީ ފައުޖުން އެންމެ ފަހުން ރަފަޙާއި ވާދީ ޣައްޒާ ބުރިޖު ކައިރީގައި ހުރި ޖީއެޗްއެފްގެ މަރުކަޒުތައް ކައިރީގައި ދީފައިވާ ޙަމަލާތަކުގައި 13 މީހުން ޝަހީދު ކޮށްލާފައިވާއިރު، އިތުރު 153 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
މިއީ، ޖީއެޗްއެފާ ގުޅިގެން ޣައްޒާގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކެއްގެ ގޮތުގައި އދގެ އިދާރާތަކާއި އެހީދޭ ޖަމުޢިއްޔާތަކުން ސިފަ ކުރެއެވެ. ޔަހޫދީ ފައުޖުން ބުނީ، ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް އަމާޒުކޮށް ޙަމަލާ ދެމުން ދަނީ، ޔަހޫދީ ސިފައިންގެ ފުރާނައަށް ނުރައްކާވާތީ ކަމުގައެވެ. އަދި، ޖީއެޗްއެފުން ވެސް ދަނީ ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގެ ޙަޤީޤަތް ފޮރުވަން މަސައްކަތް ކުރަމުންނެވެ. އެ ޖަމުޢިއްޔާއިން ބުނީ، އެހީ ބެހުމަށް ޤާއިމު ކޮށްފައިވާ އެއްވެސް މަރުކަޒެއް ކައިރީގައި ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ނުވާ ކަމުގައެވެ.
އައިސީއާރްސީން ބުނީ، ޖީއެޗްއެފްގެ މަރުކަޒުތަކުގެ އިތުރުން ޣައްޒާގައި މި ވަގުތު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދާ މަދު ހަސްފަތާލުތައް ކައިރީގައި ވެސް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ކަމުގައެވެ. އަދި، ހަސްފަތާލުތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައެވެ. “މި ވަގުތު ޚިދުމަތް ދެމުންދާ މަދު ހަސްފަތާލުތައް ކައިރީގައި ދީފައިވާ ޙަމަލާތައް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ވަނީ އިތުރުކޮށްފައި. އެއާ އެކު، ބަލިމީހުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައި، އަދި ގިނަ ހާލަތްތަކުގައި ޚާއްޞަ ފަރުވާ ބޭނުންވާ ބަލިމީހުން ވަނީ ފަރުވާއިން މަޙްރޫމުވެފައި،” އައިސީއާރްސީން ހާމަކުރިއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
