
(ފޮތޯ ކްރެޑިޓްސް: ވަގުތު)
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނަށް ކުރެއްވި މެސެޖެއްގައި ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތީ އެކަމާ ގުޅޭ ގޮތުން ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވެ ދެއްވުމަށެވެ. އަދި ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް ގުޅުމަށް ބުރޫ ނާރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،” ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މެސެޖްގައި އެމަނިކުފާނު ކުރިމަތިލެއްވުމަށް ގަސްދު ކުރައްވަނީ ކޮން ޕާޓީއެއްގެ ޓިކެޓުގައި ކަމެއް ވިދާޅެއް ނުވެއެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެގެން އައިއިރު، އެންމެ ފުރަތަމަ އުފެދިގެން އައި ޕާޓީތަކުގެ ތެރޭގައި އެމްޑީޕީ ހިމެނެއެވެ. އެމްޑީޕީގެ އިސް ސަފުގައި ފެށުނީއްސުރެ، މަސައްކަތް ކުރެއްވި ނަޝީދު ޕާޓީން ވަކިވެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދެމެދު ހިޔާލު ތަފާތުވެގެން ޖޫން 21، 2023 ގައެވެ. އޭގެ ކުރިން ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ސޯލިހް ވަނީ ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައިފައެވެ. ނަމަވެސް ނަޝީދު އިންތިހާބުގެ ނަތީޖާ ގަބޫލުފުޅެއް ނުކުރައްވައެވެ. އެމަނިކުފާނު އޭރު ވިދާޅުވަމުން ގެންދެވީ އެމްޑީޕީގެ ޕްރައިމަރީގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެކެވެ. އަދި ނަޝީދުގެ ތާއީދާއެކުގައި މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ނުކުންނެވީ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ އިންތިހާބުގައި އިލްޔާސަށް 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. ރިޔާސީ އިންތިހާބުން ވި ބައްޔާއެކު، ނަޝީދު ވަނީ ސިޔާސީ މައިދާނުން ކުޑަކޮށް ފެއަށް ޖެހިވަޑައިގެން ގާނާއަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިފައެވެ. އެކަމަކު، އެންމެ ފަހުން ނަޝީދު ވަނީ ޑިމޮކްރެޓްސް އިން އެމްޑީޕީއާ ގުޅެން ފެންނަ ކަމަށް ވިދާޅުވެ، “އެކްސް” ގައި ޕޯސްޓެއް ކުރައްވައިފައެވެ.
ނަޝީދު މިވަގުތު ހުންނެވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބޭ ގައުމުތަކުން އެ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. އަމަލީ ގޮތުން އެއްވެސް ސިޔާސީ އެއްވެސް ޕާޓީއެއްގައި އެމަނިކުފާނު ހަރަކާތްތެރިވެވަޑައެއް ނުގަންނަވައެވެ. އެ މަގާމުގައި ހުންނެވި ނަމަވެސް ސިޔާސީ މަސައްކަތްތަކާ މުޅިން ދުރު ނުވާ ކަމަށް އެމަނިކުފާނު ޖެނުއަރީ 13، 2025 ގައި ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވަނީ 19 ވަނަ ރައްޔިތުންގެ މަޖީލީހުގެ ރައީސްކަންވެސް ކުރައްވައިފައެވެ. އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ރައީސް ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި މާލޭގެ މޭޔަރު އާދަމް އާޒިމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. އަދި މި ފަހުން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. މި ބޭފުޅުންގެ ތެރެއިން ރަސްމީކޮށް ޓިކެޓަށް ޝައުގުވެރިވާކަން ހާމަކުރެއްވި ފައްޔާޒާއި ޝަމްހީދެވެ. ސޯލިހް ވަނީ ޓިކެޓު ހޯއްދަވަން ބޭނުންވާ ކަން އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ގާތުގައި ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
