
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ހައްޖު ކޯރޕޮރޭޝަން)
ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވީ، ދިވެހިން ހައްޖުގެ އަޅުކަމަށް ގޮސް މައްކާގައި މީގެ ކުރިން މަހެއްހާ ދުވަހު ތިބުމުގެ ފުރުސަތު ލިބުނު ނަމަވެސް މި އަހަރު ހައްޖުވެރިންނަށް މައްކާގައި ތިބެވޭނީ 15 ދުވަސް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރަށް ބައެއް މީހުން ފާޑުކިޔާފައިވާތީ އެވެ. މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން މައްކާގައި ބޭއްވި ބައްދަލުވުމަށް ފަހު، މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހަމައެކަނި 15 ދުވަހުގެ މުއްދަތަށް މައްކާގައި ތިބޭ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން އޭނާ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
“އެއް ފްލައިޓްގައި އައި މީހުން 18 ދުވަސް، އަނެއް ތިން ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެ. ހައްޖަށް ދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބޭ. ނަމަވެސް މި ފަހުގެ އަހަރުތަކުގައި އާއްމުކޮށް 22 އާއި 25 ދުވަހު ދެމެދު ތިބެފައިވޭ. އެއީ ހައްޖު ނިންމާފައި މަދީނާ އަށް އައިސް މައްކާ އަށް އެނބުރިދާތީވެ،” މިނިސްޓަރު ވިދާޅުވި އެވެ.
މި ފަހަރު ދިވެހި ހައްޖުވެރިން ސައޫދީގައި ހޭދަކުރާ މުއްދަތު:
– ފުރަތަމަ ފްލައިޓުގައި ދިޔަ މީހުން : 19 ދުވަސް
– ދެވަނަ ފްލައިޓުގައި ދިޔަ މީހުން: 19 ދުވަސް
– ތިންވަނަ ފްލައިޓުގައި ދިޔަ މީހުން: 20 ދުވަސް.
– ހަތަރުވަނަ ފްލައިޓުގައި ދިޔަ މީހުން: 18 ދުވަސް
ނަމަވެސް މި ފަހަރު ހައްޖު ނިންމާފައި މަދީނާ އަށް ދިއުމަށް ފަހު، މައްކާއަށް އެނބުރި ނުގޮސް ރާއްޖެ އަށް ފުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތަށް ހަމަޖެއްސީ، އޭނާ ވިދާޅުވިގޮތުގައި ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްހަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާ އިން ދޭ އިރުޝާދުތަކަށް ރިއާޔަތް ކުރުމުގެ ގޮތުންނެވެ. “ވީމާ ގައުމީ މިފަދަ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކެވުމަށް އިލްތިމާސް ކުރަން. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާ މެދު މަޝްވަރާ ކޮށްގެން ހައްލެއް ހޯދާނެ ކަމުގެ ޔަގީންކަން ދެން،” މިނިސްޓަރު ވިދާޅުވި އެވެ. ހައްޖުގެ އަޅުކަމަށް ގާތްގަނޑަކަށް އެއް މަސް ދުވަހަށް ބޭނުންވާ ފައިސާ ދެއްކި ނަމަވެސް އެ މުއްދަތު މަސް ދުވަހަށް ވުރެ ކުރުވެ، ރިފަންޑު ނުލިބުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.
އެ ކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ކުރިން ވިދާޅުވެފައި ވަނީ ހައްޖަށް އަގު ނަގާފައިވަނީ އޭގެ އަޅުކަމަށް ކަމަށެވެ. އެއީ ވަކި މުއްދަތަކަށް ނަގާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ. “މީގެ ކުރިން ވެސް ހަމަ ދޭ ހުރިހާ ހިދުމަތްތަކެއް ދޭނެ. ދަތުރުން ނަގާ 2-3 ދުވަސް މަދު ވާނީ މިހާރު،” ޝަކީލް ކުރިން “މިހާރު” އަށް ވިދާޅުވި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ. މި އަހަރު ދިވެހި ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުންނެެވެ. އެ އިނިޝިއޭޓިވްގެ މެމްބަރެއްގެ ފުރުސަތު ފުރަތަމަ ފަހަރަށް ރާއްޖެ އަށް ދިނުމުން ހައްޖުގެ އަޅުކަމަށް ދަތުރުކުރުމުގައި ލިބުނު ބޮޑެތި ފަސޭހަތަކެއް ވަނީ ލިބިފަ އެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރި ކުރުމުން ޖިއްދާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނުވަތަ އިމިގްރޭޝަންގެ ކިއޫގައި އެއްވެސް ގޮތަކަށް މަޑުކުރަން ނުޖެހި އަވަހަށް ހޮޓަލަށް ދެވޭނެ އިންތިޒާމު މި ފަހަރު ހަމަޖެހުނެވެ. އަދި ޖިއްދާގެ އެއާޕޯޓުން ވެސް ހާއްސަ ގޮތްތަކެއް ދިވެހިންނަށް ބެހެއްޓި އެވެ.
މީގެ އިތުރުން މިނާ އިން މި ފަހަރު ދިވެހިންނަށް ފަހިކޮށްދިނީ ފެންވަރު ރަނގަޅު ތަންތަން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި އަހަރު ރާއްޖެ އަށް ސައޫދީން ދިން 1،000 ކޯޓާގައި ހައްޖަށް މީހުން ގެންދިޔަ އެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
