
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި އެމެރިކާއާ ގުޅުންހުރި އަމިއްލަ ކުންފުންޏަކުން ޤާއިމު ކޮށްފައިވާ ކާބޯތަކެއްޗާއި އެހީގެ ސާމާނު ބަހާ މަރުކަޒެއް ހުރި ސަރަޙައްދަކަށް ޔަހޫދީން ޙަމަލާ ދީފިއެވެ. އެ ޙަމަލާގައި 31 މީހުން ޝަހީދު ވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ. ޣައްޒާގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ރަފަޙުގައި ދިން މި ޙަމަލާއަކީ، ތިން މަހެއްގާ ދުވަހު ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން މަނާ ކޮށްފައި އޮތުމަށް ފަހު މަދު ޢަދަދެއްގެ ސާމާނު ޣައްޒާއަށް ވެއްދުމުގެ ފުރުޞަތު ދިން ފަހުން ހިނގާ މި ފަދަ ފުރަތަމަ ހާދިޘާއެއް ނޫނެވެ. ތަކުރާރުކޮށް މި ފަދަ ހާދިޘާތައް ހިނގަމުން ދާތީ ޣައްޒާގެ ސާލަމަތީ ޙާލަތު އޮތް ގޮތް ވަރަށް ރަނގަޅަށް ދޭހަ ކޮށްދެއެވެ. ފަލަސްޠީނިއަން ރެޑް ކްރެސެންޓުން ބުނީ އެހީ ބަހާ މަރުކަޒެއް ކައިރިން އެ ޖަމްޢިއްޔާގެ ޑޮކްޓަރުންގެ ޓީމުތަކަށް ފަލަސްޠީނުގެ 23 ރައްޔިތެެއްގެ ހަށިތައް ފެނިފައިވާ ކަމަށެވެ. އަދި ޒަޚަމުވެފައިވާ 23 މީހެއް ވެސް ފެނިފައިވާ ކަމަށާއި އެ މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ. އެ މަރުކަޒަކީ އެެމެރިކާއާ ގުޅުންހުރި ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްްއެފު)ން ހިންގާ މަރުކަޒެކެވެ.
ރެޑް ކްރެެސެންޓުން ވެސް ވަނީ ރަފަޙްގައި ހިންގަމުންދާ އެހެން މަރުކަޒެއް ކައިރީގައި ވެސް ޣައްޒާގެ ރައްޔިތުންނަށް އަމާޒު ކޮށް ޙަމަލާދީ 14 މީހުންނަށް ޒަޚަމު ކޮށްލާފައިވާ ކަމަށް ބުނެފަައެވެ. ޙަމަލާތަކުގައި ޒަޚަމުވާ މީހުންނަށް އަަވަސް ފަރުވާ ދިނުމުގައި ޙަރަކާތްތެރިވާ ޕެރަމެޑިކެއް ކަމަށްވާ އަބޫ ޠާރިޤު ބުނީ އެހީގެ ސާމާނު ބަހާ މަރުކަޒު ކައިރިއަށް ދިން ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވެ އެތައް ބަޔަކަށް ޒަޚަމުވެފައިވާ ކަމަށެވެ. އެހީގެ ސާމާނު ބަހާ މި ފަދަ މަރުކަޒުތަކަށް ޢާންމުން ނުދިއުމަށް އިލްތިމާޞް ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. ޣައްޒާގެ ރައްޔިތުން ބުނީ އެހީ ބަހާ މަރުކަޒު ކައިރިން ޔަހޫދީ ސިފައިން ޢާންމުންނަށް ޙަމަލާ ދިނީ އެ ސަރަޙައްދުގައި އޮތް ކެރޭނެއްގެ މަތީގައި ތިބެ ކަމަށެވެ. ރަފަޙުގެ އެހީ ބަހާ މަރުކަޒަކަށް ދިޔުމަށް އެ ސަރަޙައްދަށް އެތައް ހާސް ބަޔަކު މިސްރާބު ޖަހަމުން ދަނިކޮށް އެ މީހުންނަށް ޓޭންކަރަކުން ޙާމަލާ ދީފައިވާ ކަމަށް ވެސް އެ މީހުން ވަނީ ބުނެފައެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ހިންގާ ސަރުކާރުގެ މީޑިޔާއިން ބުނީ އެހީ ބެހުމުގެ މަރުކަޒުތަކަކީ ޣައްޒާގެ ރައްޔިތުން އެއްތަނަކަށް އެއްކުރުމަށް ޔަހޫދީން ޖަހާފައިވާ ‘މަރުގެ މަޅިތަކެއް’ ކަމަށެެވެ. އެއީ ޔަހޫދީން ގަސްތުގައި ކުރަމުންދާ ކަމެއް ކަމަށާއި އެހީގެ ސާމާނު ބޭނުން ކުރަމުންދަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެއެވެ. އެހީގެ ސާމާނު ބޭނުން ކުރަމުން ދަނީ ގޮތް ހުސްވެފައިވާ އަދި ބަނޑުހައިހޫނުކަން އިންތިހާ ދަރަޖައަށް ތަޙައްމަލް ކުރަމުންދާ ޣައްޒާގެ ރައްޔިތުން ގަދަކަމުން ވަކި ސަރަޙައްދަކަށް އެއްކޮށް އެ މީހުން ނުރައްކަލަށް ހުށަހެޅުމަށް ކަމަށް ވެސް ބުނެފައިވެއެވެ. ޣައްޒާގެ ރައްޔިތެއް ކަމަށްވާ ރީދާ އަބޫ ޖަޒަރު ބުނީ ޔަހޫދީން އޭނާގެ ބޭބެ ޝަހީދު ކޮށްލާފައި ވަނީ ރަފަޙްގެ އެހީ ބަހާ މަރުކަޒަކަށް ކާބޯތަކެތި ހޯދުމަށް ގޮސްފައި ހުއްޓައި ކަމަށެވެ. ޣައްޒާގެ އެހެން ރައްޔިތެއް ކަމަށްވާ އަރަފާތު ސިޔާމް ބުނީ އެނާގެ ބޭބެ ވެސް އެހީ ބަހާ މަރުކަޒަށް ދިޔައީ އޭނާގެ އަންހެނުންނާއި އަށް ދަރިންނަށް ކާނެ އެއްޗެއް ހޯދުމަށް ކަމަށެވެ. ނަމަވެސް އެ މަރުކަޒުގައި އޭނާ ވެސް ޝަހީދު ކޮށްލާފައިވާ ކަމަށެވެ.
ޖީއެޗްއެފް އުފައްދާފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާ ގުޅިގެންނެވެ. ޖީއެޗްއެފަށް އެޙީގެ ސާމާނު ބެހުމުގެ މަސައްކަތް ޙަވާލު ކުރުމާއެކު އާންމުކޮށް އެ މަސައްކަތުގައި ބައިވެރިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ވަނީ އެކަހެރި ކޮށްފައެވެ. ޖީއެޗްއެފުން މިހާރު ދަނީ ތިން ސަރަަޙައްދަކުން އެހީގެ ސާމަނު ބަހަމުންނެވެ. ޖީއެޗްއެފް މެދުވެރިކޮށް އެހީ ބެހުމުގެ މި އައު ނިޒާމަށް އދއާއި އިންސާނީ މަސައްކަތް ކުރުމުގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ޖަމްޢިއްޔާތަކުން ވަނީ ފާޑު ކިޔައިފައެވެ. ޣައްޒާއަށް އެހީގެ ސާމާނު ނުވެއްދި 11 ހަފްތާއަށްވުރެ ގިނަ ދުވަސް ފާއިތުވި ފަހުން ޣައްޒާއަށް މިހާރު އެތެރެ ކުރަމުންދާ މަދު ޢަދަދެއްގެ ސާމާނަކީ ޣައްޒާގެ ރައްޔިތުންގެ ބޭނުންތަކަށް އެކަށީގެންވާ ޢަދަދެއް ނޫން ކަމަށް އެ ޖަމްޢިއްޔާތަކުން ދަނީ ބުނަމުންނެވެ. އެ ނިޒާމުގެ ދަށުން އެހީ ބެހުމުން ޣައްޒާގެ ރައްޔިތުންނަށް ދިރިއުޅޭ ތަން ދޫކޮށް ދިޔުމަށް އަނެއްކާ ވެސް މަޖުބޫރުވާނެ ކަމަށާއި ލޭއޮހޮރުވުންތަކާއި ތަޅާފޮޅުން އިތުރު ވާނެ ކަމަށް އެ ޖަމްޢިއްޔާތަކުން ދަނީ ބުނަމުންނެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޖީއެޗްއެފްގެ އެކްސެކެޓިވް ޑިރެކްޓަރުގެ މަޤާމުގައި ހުރި ޖާރެޑް ވުޑް ވަނީ އެ މަޤާމުން އިސްތިޢުފާ ދީފައެވެ. އޭނާ އިސްތިޢުފާ ދިނީ ޖީއެޗްއެފަށް އިންސާނީ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށް ބުނެއެވެ. ޖީއެޗްއެފަށް ޚަރަދު ކުރަނީ ކޮން ބައެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
