
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ސަރުކާރުން ޣައްޒާއަށް ކުރިމަތިވެފައި އޮތް އިންސާނީ ކާރިޘާއާމެދު ފިޔަވަޅެއް ނާޅައިފި ނަމަ އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން ދެއްވަވައިިފިއެވެ. ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން މެޚްރޮން ވިދާޅުވީ ފަލަސްޠީިނުގެ ރައްޔިތުން ބަނޑަށް ޖެހެމުންދާއިރު އެއްވެސް ފިޔަވަޅެއް ނާޅައި ބައިނަލްއަޤްވާމީ ދުނިޔެއަށް ނުތިބެވޭނެ ކަމަށެވެ. މެޚްރޮން މި މޭރުމުން ވާހަކަ ދެއްކެވުމުން ޔަހޫދީންގެ ޢަމަލުތަކުގެ ސަބަބުން އިސްރާއީލަށް ބައިނަލްއަޤްވާމީ ދުނިޔެއިން ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުވަމުންދާ ކަން ދޭހަ ކޮށްދެއެވެ. ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ.
އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން، މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ. އޭގެ ފަހުން ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލަމުންނެވެ. ޣައްޒާއަށް މަދު ޢަދަދަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން މިހާރު ދީފައިވާ ނަމަވެސް އެ ފުރުޞަތުގެ ދަށުން ޣައްޒާއަށް މިހާތަނަށް ފޯރު ކޮށްދީފައި ވަނީ އެ ސަހަރުގެ ރައްޔިތުންނަށް ބޭނުންވާ ހަޤީޤީ ޢަދަދާ ގާތް ވެސް ނުކުރާވަރުގެ މަދު ސާމާނުކޮޅެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޣައްޒާގެ ކޮންމެ ފަސް ރައްޔިތުންގެ ތެރެއިން އެކަކަކީ ބަނޑަށް ޖެހުމުގެ ނުރައްކަލާ ކުރިމަތިލަމުންދާ މީހުންނެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރު ލައުރެންސް ވޮންގާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެޚްރޮން ވިދާޅުވީ ޔަހޫދީން ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސްއެޅުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ޙާލަތަކީ އެ ޙާލަތަކުން އަމިއްލައަށް އަރައިނުގަނެވޭނެ ފަދަ ޙާލަތެއް ކަމަށެވެ. ކުރިއަށްއޮތް ވަގުތުތަކާއި ދުވަސްތަކުގައި ޣައްޒާއަށް ކުރިމަތި ކޮށްފައިވާ އިންސާނީ ޙާލަތަށް އެދެވޭ ޙައްލެއް ލިބޭފަދަ ގޮތަކަށް އެ ހުށަހެޅުމަށް ޔަހޫދީން ޢިޖާބަ ނުދީފި ނަމަ، ޤައުމުތަކުން ޔަހޫދީންނާ މެދު ޢަމަލު ކުރާ ސިޔާސަތު ހަރުކަށި ކުރާނެ ކަމުގެ އިންޒާރު މެޚްރޮން ދެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޔަހޫދީން އިންސާނީ ހައްޤުތަކަށް އިޚްތިރާމް ކުރާ ކަމަށް ކުރެވޭ ހީތައް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން މެޚްރޮން ވިދާޅުވީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ އިތުރުން، ސިޔާސީ ގޮތުން ވެސް ކުރުން މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ޤާއިމު ކުރެވޭނީ ވަކި ޝަރުތުތަކެއްގެ މަތިން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށް މެޚްރޮން ވިދާޅުވެފައި މި ވަނީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަަށަށް ޣައްޒާ ގެނައުމަށާއި ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމަށް ޔަހޫދީން ކުރަމުންދާ އެންމެހާ މަސައްކަތްތައް ކުށްވެރިކޮށް، މި ހަފްތާގެ ކުރީކޮޅު އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއާއެކު މެޚްރޮން ބަޔާނެއް ނެރުއްވާފައި ވަނިކޮށެވެ. ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޝަރުތުތަކެއް ހުރި ކަމަށް ފަރަންސޭސިވިލާތުން ބުނެފައިވާ އިރު އެ ޝަރުތުތަކުގެ ތެރޭގައި ޙަމާސް ޖަމާޢަތުން ހަތިޔާރު ބެހެއްޓުން ހިމެނެއެވެ. ޖުލައި މަހުގެ ތެރޭގައި ފަރަންސޭސިވިލާތާއި ސަޢުދީ ޢަރަބިއްޔާގައި ބާއްވާ އދގެ ބައްދަލުވުންތަކުގެ ކުރިން ޝަރުތުތަކާއެކު ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް ކަނޑައެޅުމާމެދު ފަރަންސޭސިވިލާތުން ވިސްވަމުންދާއިރު، ޖުލައި މަހުގެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ކުރާނެ މަސައްކަތަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ ޔަހޫދީންގެ ސަލާމަތީ ކަންކަން ކަށަަވަރު ކުރުމެވެ. ނަމަވެސް މި މަސައްކަތަކީ ޔަހޫދީންގެ ރުޅިވެރިކަން އަމާޒުވާނެ މަސައްކަތެެއް ކަމަށާއި އޭގެ ސަބަބުން ހުޅަނގުގެ ޤައުމުތަކުގެ މެދުގައި ބައިބައިވުން އިތުރުވުން އެކަށީގެންވާ ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ޣައްޒާއަށް ވައްދާ މަދު އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރަމުން ދަނީ އެމެެރިކާއާ ގުޅުންހުރި، ގޮތް ނޭނގޭ ޖަމްޢިއްޔާއެއް ކަމަށްވާ ޣައްޒާ ހިއުމެނިޓޭރިއަލް ފައުންޑޭޝަން، ޖީއެޗްއެފުުންނެވެ. ޖީއެޗްއެފް މެދުވެރިކޮށް އެހީ ބެހުމުގެ މި އައު ނިޒާމަށް އދއާއި އިންސާނީ މަސައްކަތް ކުރުމުގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ޖަމްޢިއްޔާތަކުން ވަނީ ފާޑު ކިޔައިފައެވެ. ޣައްޒާއަށް އެހީގެ ސާމާނު ނުވެއްދި 11 ހަފްތާއަށްވުރެ ގިނަ ދުވަސް ފާއިތުވި ފަހުން ޣައްޒާއަށް މިހާރު އެތެރެ ކުރަމުންދާ މަދު ޢަދަދެއްގެ ސާމާނަކީ ޣައްޒާގެ ރައްޔިތުންގެ ބޭނުންތަކަށް އެކަށީގެންވާ ޢަދަދެއް ނޫން ކަމަށް އެ ޖަމްޢިއްޔާތަކުން ދަނީ ބުނަމުންނެވެ. އޭގެ އިތުރުން ޖީއެޗްއެފުން މަސައްކަތް ކުރަމުން ދަނީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް އެ ޖަމްޢިއްޔާތަކުން ތުހުމަތު ކުރެއެވެ. ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ އެ ޤައުމުގެ ރައްޔިތުންނަށް އެހީ ފޯރު ކޮށްދޭ އދގެ އިދާރާ އުންރުވާއިން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރުމަށް އެ އިދާރާއިން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. ޢުރުދުންގެ ޢައްމާނުގައި ހުރި އުންރުވާގެ ގުދަންތަކުގައި ރައްކާ ކޮށްފައި ހުރި ސާމާނު ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފި ނަމަ އެ މަސައްކަތް ކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
