
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފެނުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮލެރާ ސޫދާންގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކަމަށާއި، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ބަލީގައި 172 މީހުން މަރުވެފައިވާ ކަން އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ މުއްދަތުގެ ތެރޭގައި އެ ޤައުމުން ބަލި ޖެހިފައިވާ 2,700 މީހުން ދެނެގަނެވިފައިވާ ކަމުގައި އެ ވުޒާރާއިން ބުންޏެވެ. އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ވެރިރަށް ޚަރްތޫމްގައެވެ. ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ބަލި ޖެހިފައިވާ މީހުންގެ ތެރެއިން %90އަކީ ޚަރްތޫމްގެ ރައްޔިތުން ކަމުގައެވެ. ސޫދާންގައި ނުރައްކާތެރި ބަލިތައް ހަލުވިކަމާ އެކު ފެތުރެމުން މި ދަނީ އެ ޤައުމުގެ އަސްކަރިއްޔާއާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފާ) ދެމެދު ނުރައްކާތެރި ޙަމަލާތަކެއް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ސޫދާންގައި އަހުލީހަނގުރާމަ ފެށުނީ 2023ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ވެރިރަށް ޚަރްތޫމްގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓާއި ސާފު ބޯފެން ފޯރުކޮށްދޭ މަރުކަޒުތަކަށް އާރްއެސްއެފުން ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އަދި، އެއާ އެކު ކަރަންޓާއި ސާފު ބޯފެން ލިބޭނެ މަގުތައް ބަންދުވެފައިވާ ކަމުގައެވެ. ވެރިރަށް ޚަރްތޫމްގެ އިތުރުން އެ ޤައުމުގެ ދެކުނާއި މެދުތެރެ އަދި އުތުރުގެ ސަރަޙައްދުތަކުގައި ވެސް ކޮލެރާ ފެތުރެމުންދާ ކަމުގައި އެ ވުޒާރާއިން ބުންޏެވެ. ކޮލެރާއަކީ ސޫދާންގައި ‘އެންޑެމިކް’ ނުވަތަ ޢާންމުކޮށް ފެތުރެމުންދާ ބައްޔެކެވެ. ނަމަވެސް، އަހުލީހަނގުރާމަ ފެށިގެން ދިޔަ ފަހުން އެ ބަލި ފެތުރުން ގިނަވެ، ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
މޭ 27ވަނަ ދުވަހު އެކަނިވެސް ބަލި ޖެހިގެން 51 މީހުން ވަނީ މަރުވެފައެވެ. އަދި، ފާއިތުވި ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަލި ޖެހިފައިވާ އިތުރު 2,300 މީހުން ވަނީ ދެނެގަނެވިފައެވެ. އޭގެ ތެރެއިން %90 މީހުންނަކީ ވެރިރަށް ޚަރްތޫމްގެ ރައްޔިތުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އާރްއެސްއެފުން ޚަރްތޫމަށް ޑްރޯން ޙަމަލާތަކެއް ދީފައިވާއިރު، އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމު ޚިދުމަތްތައް ދޭ މަރުކަޒުތަކަށް ކަމުގައެވެ. އެ ޙަމަލާތަކުގައި ތިން އިންޖީނުގެއަށް ގެއްލުން ލިބިފައިވާ ކަމުގައި ވެސް އެ ފަރާތްތަކުން ބުންޏެވެ. ސޫދާންގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް (އެމްއެސްއެފު)ން ބުނީ އާރްއެސްއެފްގެ ޙަމަލާތަކުގައި ޚަރްތޫމްގެ ކަރަންޓު ވިއުގައިގެ އިތުރުން ސާފު ބޯފެން ފޯރުކޮށްދިނުމަށް ބޭނުން ކުރާ ނިޒާމަށް ގެއްލުން ލިބިފައިވާ ކަމުގައެވެ. އަދި، މި ވަގުތު ޚަރްތޫމްގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމުގައެވެ.
ކޮލެރާއަކީ ތަޣައްޔަރުވެފައިވާ ފެނާއި ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބެކްޓީރިޔާއެއްގެ ސަބަބުން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އަދި، ވަގުތުން ޞިއްޙީ ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އޮތް ބައްޔެކެވެ. ނަމަވެސް، އެއީ ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތްތައް ޤާއިމުކޮށް، ބޭސް ބޭނުން ކޮށްގެން ކޮންޓުރޯލު ކުރެވޭ ބައްޔެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނީ، އަހުލީހަނގުރާމައިގައި ސޫދާންގެ ޞިއްޙީ ނިޒާމު ބަލިކަށިވެފައިވާ ކަމުގައެވެ. އަދި، އާރްއެސްއެފާއި އަސްކަރިއްޔާއާ ދެމެދު ޙަމަލާ ބަދަލު ކުރުން އިތުރުވެ، އެ ޤައުމުގެ ހަސްފަތާލުތަކުގެ ތެރެއިން %90 ބައެއް ހާލަތްތަކުގައި ބަންދު ކުރުމަށް މަޖުބޫރުވެފައިވާ ކަމުގައެވެ. ހަސްފަތާލުތަކަށާއި ޞިއްޙީ މަރުކަޒުތަކަށް އާރްއެސްއެފްގެ ފައުޖުގެ އިތުރުން އަސްކަރިއްޔާގެ ސިފައިން ވެސް ޙަމަލާ ދެމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ސޫދާންގެ ދާޚިލީ ހަނގުރާމަ ތިންވަނަ އަހަރަކަށް ދެމިގެން ގޮސްފައިވާއިރު، އެ ހަނގުރާމައިގައި އެތަކެއް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް، ޙަމަލާ ބަދަލު ކުރުން ނުރައްކާތެރިވުމާ އެކު އެ އަދަދު ސާފު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. އަދި، 13 މިލިޔަނެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ އިދާރާތަކުން ބުންޏެވެ. މި ހަނގުރާމައާ ގުޅިގެން އެތަކެއް މިލިޔަން ރައްޔިތުން ވަނީ ހައިހޫނުގައި ޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
