
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް ހައްދުފަހަނަ އެޅި ޔަހޫދީންގެ ބައިގަނޑެއް ވަދެ، މުސްލިމުންނަށް ފުރައްސާރަކޮށް، ޙަމަލާ ދީފިއެވެ. ހައްދުފަހަނަ އެޅި ޔަހޫދީންގެ ބޮޑު ގުރޫޕަކުން ޤުދުސްގައި ހުރި މަސްޖިދުލްއަޤްޞާއާއި، އެ ސަރަޙައްދުގައި މުސްލިމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވަދެގަނެފައި ވަނީ ޔަހޫދީ ފައުޖުގެ ބައިވެރިވުމާއި ޙިމާޔަތުގެ ދަށުން ބޭއްވި ހިނގައިލުމެއްގެ ތެރެއިންނެވެ. އެ ހިނގައިލުން ބާއްވާފައި ވަނީ، ޔަހޫދީން އިރުމަތީ ޤުދުސަށް އަތްގަދަކޮށް، އެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވަން ފެށުން ފާހަގަ ކުރުމުގެ ގޮތުންނެވެ. ޔަހޫދީން އިރުމަތީ ޤުދުސަށް އަތްގަދަކޮށް، އެ ބިމުގައި ދިރިއުޅެމުން ދިޔަ ފަލަސްޠީނުގެ ރައްޔިތުން އަޅުވެތި ކޮށްފައި ވަނީ 1967ވަނަ އަހަރުގެ ހަނގުރާމައިގައެވެ. ‘ޤުދުސް ދުވަހުގެ’ ގޮތުގައި ޔަހޫދީން އެ ދުވަސް ފާހަގަ ކުރަނީ، ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުމުން އެ ކަމުގެ އުފާ ފާޅު ކުރުމުގެ ގޮތުންނެވެ.
ޤުދުސްގައި ބޭއްވި ހިނގައިލުމުގައި ބައިވެރިވި ހައްދުފަހަނަ އެޅި ޔަހޫދީ ބައިގަނޑުން ވަނީ އަޤްޞާގެ އިތުރުން އެކުވެރި ދައުލަތްތައް (އދ)ގެ އޮފީހަކަށް ވެސް ގަދަބާރުން ވަދެގަނެ، އެ ތަނުގެ މުވައްޒަފުންނަށް ބިރުދައްކައި، ފުރައްސާރަކޮށް، ޙަމަލާ ދިނުމަށް މަސައްކަތް ކޮށްފައެވެ. އެއީ، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ އދގެ އިދާރާ (އުންރްވާ)ގެ އޮފީހެކެވެ. އަޤްޞާގެ ގޯތިތެރެއަށް ވަދެގަނެ، މުސްލިމުންނަށް ފުރައްސާރަކޮށް، ޙަމަލާ ދިނުމަށް 2,000އެއްހާ ޔަހޫދީން މަސައްކަތް ކުރިއެވެ. އެ ބައިގަނޑުގެ އެންމެ ކުރީ ސަފުގައި ހުރީ، ޒަޔަނިސްޓު އިސްރާއީލުގެ ކެބިނެޓުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގުވީރެވެ. އޭނާއަކީ ހައްދުފަހަނަ އެޅި ނިރުބަވެރި ޔަހޫދީއެކެވެ. އަޤްޞާއަށް ވަދެގަނެ، މުސްލިމުންނަށް ފުރައްސާކޮށް، ޙަމަލާ ދެމުން ދިޔަ މަންޒަރުގެ ވީޑިޔޯތައް ސޯޝަލް މީޑިޔާގައި އޭނާ ޝާއިޢު ކުރަމުން ދިޔަ ވަގުތު، ޔަހޫދީ ސިފައިންނާއި ފުލުހުން ދިޔައީ އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ.
އަޤްޞާގައި ތިބި މުސްލިމުންނާއި އުންރްވާ އޮފީހުގެ މުވައްޒަފުންނަށް ފުރައްސާރަކޮށް، ޝަހީދު ކޮށްލާނެ ކަމަށް ބުނެ ހަރުއަޑުން ގޮވަމުން ދިޔަ ހައްދުފަހަނަ އެޅި ޔަހޫދީންގެ ގުރޫޕަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީ ފައުޖުގެ އެތަކެއް ސަތޭކަ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ. އުންރްވާގެ އޮފީހަށް ގަދަބާރުން ވަދެގަތް ޔަހޫދީންގެ ތެރޭގައި އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ ހައްދުފަހަނަ އެޅި މެންބަރަކު ވެސް ހިމެނެއެވެ. އިސްރާއީލުގެ އިތުރުން ޔަހޫދީން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި އުންރްވާގެ ހަރަކާތްތައް ހިންގުން ޒަޔަނިސްޓުންގެ ޤާނޫނު ހަދާ މަޖިލީހުން އޮތީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ހުޅަނގު އައްސޭރި، ޣައްޒާ އަދި އިރުމަތީ ޤުދުސް ވެސް ހިމެނެއެވެ. ހުޅަނގު އައްސޭރީގައި ހުރި އުންރްވާގެ އޮފީހުގެ ވެރިޔާ ރޮލެންޑް ފްރީދްރިކް ވިދާޅުވީ، އެ އޮފީހަށް ގަދަބާރުން ވަދެގަނެ، މުވައްޒަފުންނަށް ފުރައްސާރަކޮށް، މުދަލަށް ގެއްލުން ދޭން މަސައްކަތް ކުރި މީހުންގެ ތެރޭގައި ޒަޔަނިސްޓުންގެ ޤާނޫނު ހަދާ މަޖިލީހުގެ ހައްދުފަހަނަ އެޅި މެންބަރު ޔޫލިޔާ މަލިނޯވްސްކާ ހިމެނެއެވެ. އޭނާއަކީ ޔޫކްރެއިނަށް އުފަން ހައްދުފަހަނަ އެޅި ޔަހޫދީއެކެވެ.
ޤުދުސް ދުވަަސް ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް މި ފަދަ ހިނގައިލުންތައް ބާއްވާފައިވާއިރު، މީގެ ކުރިން ބާއްވާފައިވާ ހިނގައިލުންތަކުގައި ވެސް ހައްދުފަހަނަ އެޅި ޔަހޫދީން ހަމަނުޖެހުން ހިންގައި، މުސްލިމުންނަށް ޙަމަލާދީފައިވެއެވެ. އަދި، މުސްލިމުންގެ ގެދޮރާއި ފިހާރަތަކުގެ އިތުރުން އެއްގަމު އުޅަނދުފަހަރު ފަދަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީން ވަޒަންވެރި ކުރުވާފައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށެވެ. ޔަހޫދީ ސިފައިންގެ ޙިމާޔަތުގެ ދަށުގައި ދިރިއުޅޭ ޔަހޫދީ ޢާންމުން ދަނީ، އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް ފުރައްސާރަކޮށް ޙަމަލާ ދެމުންނެވެ. މުސްލިމުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި، ބޮޑެތި ގެއްލުންތައް ދެމުންނެވެ. އެ ކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުދަނާ އެންމެ ފިޔަވަޅެއް ވެސް އަޅާފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
