
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބޮޑެތި އަދަބުތަކާއެކު ގޭންގު ކުށްތައް ހުއްޓުވުމަށް އެކުލަވާލާފައިވާ “ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވީ އެކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަރުމަވަންތަ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމާއި ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފާއި ސަލާމަތީ ޚިދުމަތްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި “ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު” ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ބޭއްވި މި އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައެވެ. ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި އެފަދަ ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމައަށް ރުޖޫޢަވުމަށް ފިޔަވަޅުތައް އެޅުމާއި އެފަދަ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓަރކޮށް ފިޔަވަޅުއެޅުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤްޞަދެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕޮލިސް މީޑިއާ)
ގޭންގު ކުށްތައް ހުއްޓުވުމަށް ބޮޑެތި އަދަބުތަކަކާއި ޖޫރިމަނާތަކެއް!
އަލަށް އެކުލަވާލި މި ޤާނޫނުގައިވާގޮތުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެއެވެ. އެފަދަ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަމަ 18 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ. އެ ކުށަށް އަރައިގެންފި މީހަކު، އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާ 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މީގެ އިތުރުން ރެކްރޫޓް ކުރުމުގައި ގްރޫޕުތަކަށް އެހީވާ ފަރާތްތަކާއި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާ ފަރާތްތަކާއި ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރުމާއި ހެކިބަސްދޭ ފަރާތްތަކަށް ބިރުދައްކާ ފަރާތްތަކަށްވެސް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ޤާނޫނުގައި ވަނީ ހިމަނާފައެވެ. އިންތިޒާމުވެފައިވާ ކުށެއް ކުރުމުގައި ޤާނޫނީ ޝަހުސެއް ނުވަތަ އެ ޝަހުސެއްގެ މަސްއޫލުވެރި ފަރާތެއް ބައިވެރިވެއްޖެނަމަ އެ ޝަހުސެއް އުވާލުމާއެކު އެކުށެއް ކުރި މީހަކު 100،000 ރުފިޔާއާއި 100 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕޮލިސް މީޑިއާ)
ތަންފީޒީ އިދާރާތަކަށްވެސް މުހިންމު ބާރުތަކެއް!
މި ޤާނޫނުގައިވާގޮތުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕަކާ ގުޅިފައިވާ މީހަކު ނުވަތަ ހޯދާފައިވާ މުއްސަނދިކަމަކީ ހުއްދަގޮތުގައި ހޯދާފައިވާ މުއްސަނދިކަމެއްކަން ސާބިތުކޮށްނުދެވޭ މީހެއްގެ މުއްސަނދިކަމަކީ ނުޙައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައަޅައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ކޯޓަށް ހުށަހެޅުއްވޭނެއެވެ. އަދި ކޯޓުން އެގޮތަށް ނިންމާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހުން މެރުމާއި، މާރާމާރީ ހިންގުމާއި ރަހީނުކުރުމާއި ބިރުދެއްކުމާއި ބޮޑު ޖިސްމާނީ އަނިޔާއެއް ދީފިނަމަ ދެވޭނެ އަދަބުތައްވެސް މި ޤާނޫނުގައި ކަނޑައަޅައިފައިވެއެވެ. އެގޮތުން، މީހަކު މަރާލައިފިނަމަ މަރުގެ އަދަބު ދިނުމަށް ހިމަނާފައިވާއިރު އެހެނިހެން ކުށްތައް ކުރާ މީހުންނަށް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށްތަކާއި ހަތިޔާރު ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ހަތިޔާރު ގެންގުޅުމާއި، އެފަދަ ހަތިޔާރު އުފެއްދުމާއި، ރާއްޖެ އެތެރެކުރުން ފަދަ ކުށްތައް ކުރާ ކަމަށް ތުހުމަތު ކުރެވޭނަމަ ކޯޓު އަމުރަކާނުލައި އެމީހަކު ހުއްޓުވައި ފާސްކުރުމާއި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް މި ޤާނޫނުން ލިބިދެއެވެ. އަދި އޭގެ އިތުރުންވެސް ތަންފީޒީ އިދާރާތަކަށް މިފަދަ ކުށްތައް ހުއްޓުވުމަށް ގިނަ ބާރުތަކެއް މި ޤާނޫނުގެ ދަށުން ލިބިގެންދާނެއެވެ. މީގެ އިތުރުން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ފަރާތްތައް އެ ވެށިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އެފަދަ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާ ގުޅޭ ކަންކަންވެސް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
މި ޤާނޫނަށް އަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެންނެނެވެ. އަދި މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުންދިޔަ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނާއި ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު އުވޭނެއެވެ.
About Post Author
މާދަމާ ނިއުސް
މިދިޔަމަހު މަސް އެކްސްޕޯޓުުކުރި މިންވަރު %35 އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިއަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު ވަނީ 35 އިންސައްތަ އިތުރުވެފައެވެ. ކަސްޓަމްސްގެ...
މިދިޔަ އަހަރު ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ވިލަމެންދޫ އައިލަންޑް ރިސޯޓް އެންޑް ސްޕާ) މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 3.5 ބިލިޔަން...
ބީއެމްއެލްގެ އިތުރު ފީއެއް، ޢަމަލު ކުރަނީ އުސޫލާ އެއްގޮތަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ "ޝެޑިއުލް އޮފް ޗާޖެސް" ގައި ނުހިމެނޭ އިތުރު ފީއެއް ނަގާ...
ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒުގައި ރާއްޖެއިން ބައިވެރިވެއްޖެ
ސްޕެއިންގެ ބާސެލޯނާގައި މިމަހު ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ބޮޑު ކަނޑުމަހުގެ އުފެއްދުންތަކުގެ މައުރަޒުގައި ރާއްޖޭގެ މަސްވެރި ކުންފުނިތަކުން ބައިވެރިވެ، ދިވެހި މަސްވެރިކަން ބައިނަލްއަޤްވާމީ މައިދާނުގައި...
“ކަނޑުމަސް ބޭރުކުރުމުގެ، މަޝްވަރާގެ ފައިދާ ދެ ޤައުމަށްވެސް ކުރާނެ”
ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް...
ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ %11.6 އިތުރުވެއްޖެ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ އޭޕްރީލް 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި...
