
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢާ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ބައްދަލު ކުރައްވައިފިއެވެ. ތުރުކީވިލާތުގެ ވިޔަފާރީގެ މަރުކަޒީ ރަށް، އިސްތަންބޫލުގައި ބޭއްވި ބައްދަލުު ކުރެއްވުމުގައި އުރްދުޣާން ވަނީ، ސޫރިޔާއާ ދެކޮޅަށް އެމެރިކާއާއި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުން އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވައިލާފައިވާ ކަން ފާހަގަ ކުރައްވައި، ޝަރާޢަށް މަރުޙަބާ ދަންނަވާފައެވެ. އެމެރިކާއިން ސޫރިޔާއާ ދެކޮޅަށް އަޅާފައި އޮތް ދަތި ކުރުމުގެ ފިޔަވަޅުތައް 14 އަހަރަށް ފަހު ބާޠިލު ކޮށްފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފުގެ ތިން ޤައުމަކަށް ހުސްވި ހަފުތާގައި ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އެމެރިކާގެ ގިނަ ފިޔަވަޅުތައް އަޅާފައި ވަނީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަމުގެ ތެރެއިން ފެށި އަހުލީހަނގުރާމައާ ގުޅިގެންނެވެ. އެޗްޓީއެސުން ބަޣާވާތެއްކޮށް އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.
ޝަރާޢު ކުއްލި ދަތުރެއްގައި ތުރުކީވިލާތަށް ގޮސްފައި މި ވަނީ، ޓްރަމްޕްގެ އަމުރަށް ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލާފައިވާ ކަން އެ ޤައުމުގެ މާލީ ވުޒާރާއިން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. “އަޅުގަނޑުމެންގެ ރައީސް [އުރްދުޢާން] ވަނީ، [ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ] ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލުމުން ޝަރާޢަށް މަރުޙަބާ ދަންނަވާފައި،” އުރްދުޣާންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަސަދުގެ ވެރިކަން އެޗްޓީއެސުން ވައްޓައިލުމަށް ފަހު ޝަރާޢުގެ ބެލުމުގެ ދަށުން ޤާއިމު ކޮށްފައިވާ ސަރުކާރާ އެންމެ ގާތް ގުޅުންތަކެއް ބާއްވަމުންދާ ކަމަށް ފެންނަނީ ތުރުކީވިލާތުންނެވެ. އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި ތުރުކީވިލާތުގެ ސަރުކާރުން ވާގިވެރިކަން ފޯރުކޮށްދޭ ހަތިޔާރު އެޅި ޖަމާޢަތްތަކުން ބައިވެރިވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ފަސް ދަހަރަށް ފަހު އަސަދުގެ ޢާއިލީ ވެރިކަން ނިމުމަކަށް ގެނައުމުން އޭނާ ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ.
އުރްދުޣާނާއި ޝަރާޢާ ދެމެދު ބޭއްވި ބައްދަލުވުމުގައި ތުރުކީވިލާތުގެ ސަރުކާރުގެ އިސް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އެ ޤައުމުގެ ޚާރިޖީ ވަޒީރާއި ދިފާޢީ ވަޒީރު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، އެޗްޓީއެސް ސަރުކާރުގެ ޚާރިޖީ އަދި ދިފާޢީ ވަޒީރުން ވެސް ހިމެނެއެވެ. ތުރުކީވިލާތުގެ ޖާސޫސީ އިދާރާގެ އިސްވެރިން ވެސް ބައިވެރިވި އެ ބައްދަލުވުމުގައި ސަލާމަތީ ދާއިރާއިން މުހިންމު މަޝްވަރާތަކެއް ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ސޫރިޔާގައި ސުލްޙައާއި ހަމަޖެހުން ޤާއިމު ކުރުމަކީ، ސަރަޙައްދީ، އަދި ތުރުކީވިލާތުގެ ސުލްޙައާއި ސަލާމަތަށް މުހިންމު ކަމެއްގެ ގޮތުގައި އުރްދުޣާންގެ ސަރުކާރުން ޤަބޫލު ކުރެއެވެ. އެޗްޓީއެސްގެ ސަރުކާރާ އެކު ގުޅުންތައް ބަދަހި ކުރުމަށް އެމެރިކާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެޗްޓީއެސަކީ އެމެރިކާއިން އެކުލަވައިލާފައިވާ ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި އަދިވެސް ހިމަނާފައި އޮތް ޤައުމެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ސޫރިޔާއާއި އެމެރިކާއާ ދެމެދު ގުޅުންތައް ހަރުދަނާ ކުރުމަށް އެމެރިކާއިން ވަނީ އެ ޤައުމުން ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓޮމް ބަރާކަކީ ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބުގެ މަޤާމަށް ވެސް ޢައްޔަން ކޮށްފައެވެ. އެ ނިންމުމާ އެކު، ތުރުކީވިލާތަކީ ދިމިޝްޤުގެ ސަރުކާރަށް ނުފޫޒު ފޯރުވޭނެ ބާރެއްގެ ގޮތުގައި އެމެރިކާއިން ބަލައިގަނެފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ ވައިޕީޖީއަކީ ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅު ޖަމާޢަތެކެވެ. އެ ޖަމާޢަތް ބަލިކަށިކޮށް، ހަތިޔާރު ބެހެއްޓުމަށް މަޖުބޫރު ކުރުވުމަށް އުރްދުޣާންގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ކަމާ ގުޅޭ ގޮތުން ޝަރާޢާއި ތުރުކީވިލާތުގެ ޖާސޫސީ އިދާރާގެ ވެރިޔާ އިބްރާހީމް ކަލިންއާ ދެމެދު ދާދި ފަހުން މުހިންމު މަޝްވަރާތަކެއް ބާއްވާފައިވާ ކަމުގައި ތުރުކީވިލާތުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. އެމެރިކާއިން ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ ވައިޕީޖީއަކީ ތުރުކީވިލާތުން ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ބަލާ ގުރޫޕެކެވެ. އެއީ، ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގޮސްފައިވާ ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)އާ ގުޅުން އޮންނަ ޖަމާޢަތެކެވެ. ހަތިޔާރު ބަހައްޓައި، ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޕީކޭކޭން ދާދިފަހުން ވަނީ ނިންމައި، އެ ކަން އިޢުލާނު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
