Read Time:15 Minute, 24 Second

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

ލުބުނާނުގެ މުނިސިޕަލް އިންތިޙާބުގައި އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތެއް އަދި ސިޔާސީ ޕާޓީއެއް ކަމަށްވާ ޙިޒްބުاللهން ރަނގަޅު ނަތީޖާއެއް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ދެއެވެ. ލުބުނާނުގެ ހަތިޔާރު އެޅި ޖަމާޢަތްތައް ހަތިޔާރު ބެހެއްޓުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، އަދި ލުބުނާނަށް އަމާޒުކޮށް ޔަހޫދީންގެ ޙަމަލާތައް ދެމުންދާއިރު، ލުބުނާނުގެ ސިޔާސީ މަސްރަހުގައި ޙިޒްބުاللهގެ ނުފޫޒު އިތުރު ކުރުމަކީ އެ ޕާޓީން އެދޭ ކަމެކެވެ. މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީން ލުބުނާނަށް ދިން ޙަމަލާތަކުގެ ސަބަބުން އެ ޖަމާޢަތް ބަލިކަށިވި ނަމަވެސް އެއީ އަދިވެސް ވަރުގަދަ އަދި ހައިބަތުހުރި ބައެއް ކަމަށް ދެއްކުމަށް އެ ޖަމާޢަތުން އެދެއެވެ.

 

މި މަހުގެ ތެރޭގައި މިހާތަނަށް ބާއްވާފައިވާ ވޯޓުލުމުގެ ތިން ބުރުގައި ވެސް، އީރާނުން ވާގިވެރިވާ ޙިޒްބުاللهއިން ވަނީ ރަނގަޅު ނަތީޖާއެއް ނެރެފައެވެެ. ޙިޒްބުاللهއަކީ ލުބުނާނުގެ ދެކުނުގައި ވަރުގަދަ ޕާޓީއަކަށް ވެފައި، އެ ސަރަޙައްދުގެ ގިނަ ދާއިރާތަކުން އެ ޕާޓީއާ ދެކޮޅަށް ކެންޑިޑޭޓުން ނެރެފައި ނުވާތީ، ޙިޒްބުاللهއިން އެ ދާއިރާތަކުން ފަސޭހަ އަދި އަވަސް މޮޅެއް ޔަޤީން ކޮށްފައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށުމުން ޙިޒްބުاللهން ވަނީ ޙަމާސަށް ތާޢީދު ކުރުމުގެ ގޮތުން ޔަހޫދީންނަށް ޙަމަލާތައް އަމާޒު ކޮށްފައެވެ. އެއާއެކު ޔަހޫދީން ވަނީ ލުބުނާނަށް ވެސް ވަރުގަދަ ޙަމަލާތައް ދީ ހަނގުރާމަ ފަށައިފައެވެ. އެ ހަނގުރާމައިގެ ސަބަބުން ލުބުނާނަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ޙިޒްބުاللهގެ ގިނަ ޢަދަދެެއްގެ އިސްވެރިންނާއި އެތައް ހާސް ހަނގުރާމަވެރިން ވަނީ ޝަހީދުވެފައެވެ. އެއާއެކު ޙިޒްބުالله ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އަދި ލުބުނާނުގެ މައްޗަށް އޮތް ޙިޒްބުاللهގެ ނުފޫޒު ވެސް ވަނީ ކުޑަވެފައެވެ. އެ ޙާލަތުގައި ޙިޒްބުاللهއާ ވާދަވެރި ލުބުނާނުގެ އެހެން ޖަމާޢަތްތަކާއި ޕާޓީތައް ވަނީ ވަރުގަދަވެފައެވެ. އެންމެ ފަހުން ހަނގުރާމަ ހުއްޓައިލުމަށް ލުބުނާނާއި ޔަހޫދީންނާ ދެމެދުވި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ސަރުކާރުން ވަނީ އެ ޤައުމުގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ހަތިޔާރާ ސަރުކާރުން ޙަވާލުވާނެ ކަމަށް އިޢުލާނު ކޮށްފައެވެ.

 

ސިޔާސީ މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުންގެ މަރުކަޒެއް ކަމަށްވާ ކާނެޖީ މިޑްލް އީސްޓް ސެންޓަރަށް ނިޞްބަތްވާ މުޙައްނަދު ހާޖީ ޢަލީ ވިދާޅުވީ އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދޭހަ ކޮށްދެނީ ހަނގުރާމައިގެ މަޤްސަދުތަކެއް ކަމުގައިވާ ޙިޒްބުاللهގެ ބާރު ކުޑަ ކުރުމާއި ޙިޒްބުاللهގެ މަޤުބޫލުކަން ނަގައިލުން ޙާޞިލްވެފައި ނުވާ ކަމެވެ. އޭގެ ބަދަލުގައި ލުބުނާނުގެ ގިނަ ޢަދަދެއްގެ ޝީޢީން ޤަބޫލު ކުރަނީ އެ މީހުންގެ ކުރިމަގު ގުޅިފައި ވަނީ ޙިޒްބުاللهއާ ކަމަށް އޭނާ ވިދާޅުވިއެވެ. ހާޖީ ވިދާޅުވީ ހިނގަމުންދާ އިންތިޚާބުގައި ޙިޒްބުاللهން ނެރޭ ނަތީޖާ ވަރަށް މުހިންމު ކަމަށެވެ. އޭގެން ދައްކުވައިދެނީ ހިޒްބުاللهއިން ލުބުނާނުގެ ޝީޢީންގެ އާބާދީގެ ބޮޑު ބައެއް ތަމްޞީލު ކުރާ ކަން ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ޙިޒްބުاللهގެ ހަތިޔާރު ގަދަކަމުން ނެގުމަށް ލުބުނާނުން ކުރާ ކޮންމެ މަސައްކަތަކީ މުޖުތަމަޢުއާ ދެކޮޅަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ދެކެވޭނެ ކަމަށާއި މަދަނީ ޞުލްޙައާއި ހަމަޖެހުމަށް އޭގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޙިޒްބުاللهން ހަތިޔާރު ގެންގުޅުމަކީ ލުބުނާނުގައި ބައިބައިވުން އުފެދުމުގެ ސަބަބެކެވެ. އޭގެ ސަބަބުން ލުބުނާނުގައި 2008ވަނަ އަހަރު ދާޚިލީ ހަމަނުޖެހުމެއް ހިނގާފައިވެއެވެ. ބައެެއް މީހުން ޤަބޫލު ކުރާ ގޮތުގައި މެދުއިރުމަތީގެ މައްސަލަތަކުގެ ތެރެއަށް ލުބުނާނު ވެއްދީ ޙިޒްބުاللهއިންނެވެ.

 

ލުބުނާނުގެ ޚާރިޖީ ވަޒީރު ޔޫސުފް ރާޖީ ވިދާޅުވީ ލުބުނާނުގެ އެކި ހަތިޔާރުއެޅި ޖަމާޢަތްތަކުން ގެންގުޅޭ ހަތިޔާރު ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުން ނޫނީ ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ލުބުނާނު އަލުން އާރާސްތު ކުރުމަށް އެހީތެރިވުމަށް ބޭރުގެ ޤައުމުތަކުން ދެކޮޅު ހަދާ ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވެސް ބުނެފައި ވަނީ، ލުބުނާނު އާރާސްތު ކުރުމަށް އެމެރިކާއިން ވާގިވެރިވާން ބޭނުންވި ނަމަވެސް ޙިޒްބުاللهއިން ހަތިޔާރު ނުބަހައްޓާހާ ހިނދަކު އެކަން އެހެން ނުވާނެ ކަމަށެވެ. ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރުމާއި އިޤްތިޞާދީ އިސްލާހުތައް ގެނައުމަކީ ލުބުނާނުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އެޅޭނެ އެނެމެ މުހިންމު ފިޔަވަޅު ކަމަށް އެ ވުޒާރާއިން ވަނީ ފަހަގަ ކޮށްފަައެވެ. ނަމަވެސް ޙިޒްބުاللهއިން ވަނީ ޤައުމު އަލުން ބިނާ ކުރުމުގައި ކުރިމަތިވާ ލަސްތަކަކީ ސަރުކާރުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެއް ކަމަށް ތުހުމަތު ކޮށްފައެވެ. ޤައުމު އަލުން އާރާސްތު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް އެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް އެ ޖަމާޢަތުން ބުނެއެވެ. ހިޒްބުاللهއިން ބުނީ ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުގައި އެ ޖަމާޢަތުގެ ހަތިޔާރާ މިހާރު ނުހުންނާނެ ކަމަށެވެ. ނަމަވެސް އެ ޖަމާޢަތުގެ ބާކީ ހުރި ހަތިޔާރު ބުހެއްޓުން ގުޅިފައި ވަނީ ލުބުނާނުގެ ފަސް މަޤާމެއްގައި ޤާއިމުވެ ތިބި ޔަހޫދީން އެ ސަރަޙައްދު ދޫކޮށް ދިޔުމާއި ޔަހޫދީންގެ ޙަމަލާތައް ނިމުމަކަށް އައުން ކަމަށް ޙިޒްބުاللهއިން ދަނީ ބުނަމުންނެވެ.

 

ވޯލްޑް ބޭންކުން ލަފާ ކޮށްފައިވާ ގޮތުގައި ލުބުނާނު އަލުން އާރާސްތު ކުރުމަށް 11 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަވާނެއެވެ. އަލުން ބިނާ ކުރުމަށް ބޭނުންވާ ފައިސާ އެ ޤައުމަކު ނެތެވެ. ނަމަވެސް ހަނގުރާމައިގައި ސުންނާފަތިވެފައިވާ އިމާރަތްތަކުން އުފެދިފައިވާ ކުނިބުނި ނަގައި ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ދެއެވެ. ލުބުނާނަށް މިހާރު ކުރިމަތިވެފައިވާ ޙާލަތަކީ މީގެ ކުރިން 2006ވަނަ އަހަރުގެ ތެރޭގައި ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރަމުން ދިޔަ ދުވަސް ވަރަށްވުރެ ތަފާތު ޙާލަތެކެވެ. އޭރު އީރާނުންނާއި ޢަރަބި ޤައުމުތަކުން ލުބުނާނަށް އެހީތެރި ފޯރުކޮށްދެމުން ދިޔައެވެ. މިހާރުގެ ޙާލަތުގައި 400،000އަށް ވުރެ ގިނަ މީހުންނަށް ޙިޒްބުاللهއިން އެހީތެރިކަން ފޯރު ކޮށްދެމުން ދާ ކަމަށް އެ ޖަމާޢަތުން ބުނެއެވެ. އެ ގޮތުން ކުލި ދެެއްކުމަށާއި ފަރުނީޗަރު ހޯދުމާއި ގޭގެ މަރާމާތު ކުރުން ފަދަ ކަމްކަމަށް އެހީވާ ކަމަށް އެ ޖަމާޢަތުން ބުނެއެވެ. ނަމަވެސް އެ ކަންކަމަށް ޚަރަދު ކުރަން ހުރި ފައިސާ 2006ވަނަ އަހަރު ހުރި ފައިސާގެ ޢަދަދަށްވުރެ މާ މަދު ކަމަށް ފެނެއެވެ. ޙިޒްބުاللهއިން ބުނާ ގޮތުގައި އީރާނުން އެ ޖަމާޢަތަށް ފައިސާ ދިނުމަށް މަސައްކަތް ކުރި ނަމަ ވެސް ދައުލަތުން އެ ކަމަށް ހުރަސްއަޅައެވެ. ނަމަވެސް މީގެ ވިހި އަހަރު ކުރިއާ އަޅާބަލާއިރު އީރާނުގެ މާލީ ޙާލަތު ވެސް މިހާރު ގޯހެވެ. އެއީ އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާތީއެވެ.

 

ގަލްފުގެ ޤައުމުތަކުން ޙިޒްބުاللهއަށް ޚަރަދު ކުރުން މަޑުޖެހުނީ ސަރަޙައްދީ މައްސަލަތަކުގެ ތެރެއަށް ޙިޒްބުاللهއިން ވަންނަން ފެށި ހިސާބުންނެވެ. އެމެރިކާއެކޭ އެއްގޮތަށް ގަލްފުގެ ޤައުމުތަކުން 2016ވަނަ އަހަރު ވަނީ ލުބުނާނަކީ ނިރުބަވެރި ޖަމާޢަތެއް ކަމަށް ކަނޑައަޅައިފައެވެ. ސަޢުދީ ޢަރަބިއްޔާއިން ވެސް ދަނީ ލުބުނާނުގެ ސަރުކާރުން ގޮވައިލަމުންދާ ގޮތަށް، ލުބުނާނުގެ ހުރިހާ ހަތިޔާރެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ގޮވައިލަމުންނެވެ. ލުބުނާނުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޙިޒްބުاللهގެ ޙަސަން ފަޟްލުالله ވިދާޅުވީ ޤައުމު އަލުން ބިނާ ކުުރުމަށް ބޭނުންވާ ފައިސާ ހޯދުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އެދެވޭ ގޮތަކަށް އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ލުބުނާނުގައި މިހާރު އޮތް ބައިބައިވުން ނައްތާނުލެވިއްޖެ ނަމަ ޤައުމަށް ހަމަނުޖެހުން ނުލިބޭނެ ކަމަށެވެ. ޤައުމުގެ އެއް ބަޔަކަށް އަނިޔާ ލިބެމުންދާއިރު އަނެއް ބަޔަކަށް ހަމަޖެހުން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ ލުބުނާނުގެ ދެކުނާއި އެހެން ސަރަޙައްދުތަކުގައި ދިރިއުޅޭ ޝީޢީންގެ ޙާލަތަށެވެ. ޔަހޫދީންގެ ޙާމަލާތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބެމުން ދަނީ އެ މީހުންނަށެވެ.

 

ލުބުނާނުގެ ރައީސް ޖޫޒީފް ޢޫން ވަނީ ޤައުމީ ދިފާޢުއާ ބެހޭ މަޝްވަރާތައް ކުރުމަށް ޙިޒްބުاللهއަށް ގޮވާލައިފައެވެ. ނަމަވެސް އެ މަޝްވަރާތައް މިހާތަނަށް ފަށާފައެއް ނުވެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %