Read Time:13 Minute, 37 Second

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

ފަލަސްޠީނުގެ މުސްލިމުންގެ ނަސްލު ނައްތައިލުމަށް ޤަތުލުޢާންމެއް ހިންގަމުންދާ ޒަޔަނިސްޓުންގެ ހައްދުފަހަަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ގާތް އެކުވެރިއަކީ އޭނާ ކަމުގައި ވަކާލާތުކޮށް، ދުނިޔެއަށް ދެއްކުމަށް މަސައްކަތް ކުރަމުންދާ ހީލަތްތެރި މީހެކެވެ. ނަމަވެސް، އެއީ ޙަޤީޤަތެއް ނޫން ކަން ޓްރަމްޕްގެ އެންމެ ފަހުގެ އަމަލުތަކުން މުޅި ދުނިޔެއަށް ވަނީ ހާމަވެގެން ގޮސްފައެވެ. އަދި، ޓްރަމްޕް އޭނާއަށް ދޭ އަހަންމިއްޔަތު ކަން ކުޑަވެފައިވާ ކަމުގައި ޔަހޫދީ މީޑިޔާތަކުން ވެސް ދަނީ ބުނަމުންނެވެ. އެ ކަމަށް ބާރުދޭ އެއް ހެއްކަކީ، ދާދި ފަހުން ޓްރަމްޕް ގަލްފުގެ ތިން ޤައުމަކަށް ކުރެއްވި ދަތުރުފުޅެވެ. ޓްރަމްޕަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ، އަދި ރަޙުމަތްތެރި ކަމުގައި ނަތަންޔާހޫ ވަކާލާތު ކުރަމުންދާއިރު، ޓްރަމްޕްގެ ދަތުރުފުޅުގައި ޒަޔަނިސްޓުންގެ އިސްރާއީލަށް ވަޑައިގަންނަވާފައެއް ނުވެއެވެ. ނިރުބަވެރި ނަތަންޔާހޫ ބައްދަލު ކުރައްވާފައެއް ނުވެއެވެ. އެއިން ދޭހަކޮށްދެނީ، ނަތަންޔާހޫ ސިިކުނޑީގައި އެނބުރެމުންދާ ކުށް ހީތަކެވެ. ވިސްނުމުގައި ހުރި ކަސިޔާރުކަމެވެ.

 

ޔަހޫދީ މީޑިޔާތަކުން ބުނީ، ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު އޮތް ގުޅުންތައް ފަހަކަށް އައިސް ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމުގައެވެ. އެއާ އެކު، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދުގައި އޮތް ޒަމާންތަކެއްވީ ގާތް ގުޅުމުގައި ރެނދުލާފައިވާ ކަން ވެސް މިއަދު މި ވަނީ ހާމަވެގެން ގޮސްފައެވެ. އެއީ، މިއަދު ދެބަސްވެވެން ނެތް ޙަޤީޤަތެއް ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ. ގަލްފަށް ޓްރަމްޕް ކުރައްވާފައި ވަނީ ވަރަށް ވެސް ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ. ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި އެކުވެރި ޢަަރަބި ޢިމާރާތް (ޔޫއޭއީ)އަށް ޓްރަމްޕް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ތިން ޤައުމާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް ވަނީ އިތުރު ހަރުފަތްތަކަކަށް އުފުލިގެން ގޮސްފައެވެ. އެ ޤައުމުތަކާއި އެމެރިކާއާ ދެމެދު ގުޅުން ބަދަހި ކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރެވި، މާލީ ގޮތުންނާއި އިޤުތިޞާދީ ދާއިރާއިން އަދި އިންވެސްޓްމެންޓުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔައެވެ.

 

 

ޔަހޫދީންގެ ބައިވެރިވުން ޓްރަމްޕަށް މުހިންމެއް ނޫން

 

 

ޔަހޫދީންނާ އެމެރިކާއާ ދެމެދު އޮތް ގުޅުންތައް ހީނަރުވެފައިވާ ކަމުގެ އަނެއް ހެއްކަކީ، ޔަހޫދީންގެ ދުޝްމަނުންގެ ގޮތުގައި ބެލެވޭ ފަރާތްތަކާ އެކު ޓްރަމްޕްގެ ސަރުކާރުން މަޝްވަރާތައް ބާއްވަމުން ދިޔުމެވެ. ޔަހޫދީން ޤަބޫލު ކުރާ ގޮތުގައި އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް، އަދި ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމަށް އޮތް އެންމެ ބޮޑު ބިރަކީ، އަދި ނުރައްކަލީ އީރާނެވެ. އީރާނަކީ މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ، އަދި ބާރުގަދަ ލަޝްކަރެއް އޮތް ޤައުމެވެ. ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފޫގަޅައިގެން އޮތް އެމެރިކާއިން މިހާރު ދަނީ އީރާނާ އެކު މަޝްވަރާތައް ބާއްވަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، މިއީ ޔަހޫދީންނަށް ޓްރަމްޕް ދެއްވި ބޮޑު ކެއްސެކެވެ. ޔަހޫދީންގެ އަތްތިލައިގައި ތަފާލެއްއެޅުން ފަދަ ކަމެކެވެ. އެ މަޝްވަރާތަކުގައި ޔަހޫދީން ބައިވެރި ކުރުމަށް ޓްރަމްޕް އިންކާރު ކުރެއްވުމަކީ، ދުނިޔޭގެ ކުރިމަތީގައި ނަތަންޔާހޫ ލަދުގަންނަވައިލި ނިންމެވުމެކެވެ.

 

އީރާނުގެ އިތުރުން ޓްރަމްޕްގެ ސަރުކާރުން ދާދިފަހުން ވަނީ ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނާ އެކު ވެސް މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ. ނުވިތާކަށް، ޙޫޘީންނާ އެކު އެއްބަސްވުމެއް ވެސް އެކުލަވައިލާފައެވެ. ޙޫޘީިންނަކީ، ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ‘އެކްސިސް އޮފް ރެސިސްޓެންސް’ގައި ހިމެނޭ ބާރުގަދަ ލަޝްކަރެކެވެ. އެ ޖަމާޢަތުން މިހާރު ވެސް ދަނީ ޔަހޫދީންނާ ދެކޮޅަށް ނުރައްކާތެރި ހަތިޔާރުތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކޮށްގެން އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

 

މީގެ އިތުރުން، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ނިރުބަވެރި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ކުށްވެރި ކުރުމުގެ އަޑުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ގަދަވަމުންނެވެ. ޔަހޫދީންގެ ޢުދުވާން ކުށްވެރި ކުރުމުގެ އަޑުތައް ދުނިޔޭގެ ހަތަރު ފަރާތުގައި ދަނީ ގުގުމަމުންނެވެ. ކަން މިހެން އޮއްވައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ، އިސްރާއީލަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅެއް ކެންސަލް ކުރައްވާފައެވެ. މިއީ، ނަތަންޔާހޫގެ އަބުރަށް ލިބުނު ހުތުރެކެވެ. ދުނިޔޭގެ ލޯތައް ކުރިމަތީގައި އޭނާ ބަދުނާމުވެގެން ދިޔަ ނިންމުމެކެވެ.

 

 

މޭޒު ކައިރީގައި ޔަހޫދީންނަށް ގޮނޑިއެއް ޚާއްޞަކޮށްފައެއް ނެތް

 

 

“ޓްރަމްޕް ނަތަންޔާހޫއަށް އިޝާރާތް ކުރައްވަމުން އެ ގެންދަ ވަނީ، ‘އަހުރެން ކަލޭގެ ކަންކަމާ މެދު ފޫހިވެއްޖެ’،” ކަން ކަމުގައި މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ޑެޔިނާ ފަނު ލޫޒޯން ސިފަ ކުރިއެވެ. ނަތަންޔާހޫގެ އިސް މުޝީރެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ މިޗެލް ބަރާކް ވަނީ ލޫޒޯންގެ ވާހަކަތަކަށް އެއްބަސްވެފައެވެ. “މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ އިސްރާއީލަށް ފައިދާކުރަނިވި ހުރިހާ ކަމެއް ރޫޅެމުންދާ މަންޒަރު،” ބަރާކް ބުންޏެވެ.

 

“ކުރިން އެމެރިކާއަކީ އަޅުގަނޑުމެންގެ [ޒަޔަނިސްޓު އިސްރާއީލުގެ] އެންމެ ބޮޑު މަދަދުގާރު؛ ނަމަވެސް، މިއަދު މޭޒު ކައިރީގައި އަޅުގަނޑުމެންނަށް ޚާއްޞަ ކޮށްފައި ގޮނޑިއެއް [އިށީންނާނެ ފުރުޞަތެއް] ވެސް ނެތް. މިއީ، ހުރިހާ ޔަހޫދީން އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް،” ބަރާކް ބުންޏެވެ. އެ ކަމުގެ ފުރިހަމަ ޒިންމާ އުލުފަން ޖެހޭނީ ނަތަންޔާހޫ ޖަމުގައި އިސްރާއީލުގެ ގިނަ ރައްޔިތުން ޤަބޫލު ކުރާ ކަމުގައި ވެސް ބަރާކް ބުންޏެވެ. “ނަތަންޔާހޫ ކުރިން ދައްކާފައި ވަނީ ޓްރަމްޕަކީ އޭނާގެ [ނަތަންޔާހޫގެ] ޖީބުގައި އޮތް މީހެއްގެ ގޮތުގައި؛ ނަމަވެސް، އެއީ ޓްރަމްޕް ގަޔާވި ކަމެއް ނޫން. ނަތަންޔާހޫ އެ ވަނީ ރޮނގެއް ހުރަސް ކޮށްފައި [ގޯހުން ކަމެއް ކޮށްފައި]،” އޭނާ ބުންޏެވެ.

 

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ނުބައިނުލަފާ ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,272އަށް އުފުލިފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާއިރު، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާ ކަމުގައެވެ. އަދި، ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 120,673އަށް އަރައެވެ.

 

ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުން ޔަހޫދީން ވަނީ ޢުދުވާން ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. ނަމަވެސް، އެކަން އެ ގޮތަށް ދެމިއޮތީ ދެ މަސްދުވަހަށެވެ. މާރިޗު 2ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ފުރަބަންދު އިތުރަށް ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އަދި، މާރިޗު 18ވަނަ ދުވަހު އަލުން ޢުދުވާނީ ޙަމަލާތައް ފަށާފައެވެ. އެއަށްފަހު ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 3,000އަށްވުރެ މައްޗަށް އަރައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %