
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފަލަސްޠީނުގެ ޣައްޒާއިން ތެޔޮ ހުސްވުމާ ގުޅިގެން އެމްބިޔުލާންސްގެ ޚިދުމަތްތައް ހުއްޓައިލުމަށް ޖެހިދާނެ ކަމުގެ ބިރު އެތަކެއް ގުނައަކުން އިތުރުވެފައިވާ ކަން ޕަލަސްޓީނިޔަން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެސު)ން ހާމަކޮށްފިއެވެ. ޣައްޒާގައި ދިރިއުޅޭ 2.1 މިލިޔަނެއްހާ މީހުންނަށް އެމްބިޔުލާންސްގެ ޚިދުމަތް ދިނުމަށް ޕީއާރްސީއެސުން ބޭނުން ކުރާ އުޅަނދުފަހަރުގެ ތެރެއިން މި ވަގުތު ބޭނުން ކުރަމުން ދަނީ ތިންބައިކުޅަ އެއްބައި އުޅަނދެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ތެރެއިން ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި، ގިނަ އަދަދެއްގެ އެމްބިޔުލާންސްތަކަކަށް ވަނީ ގެއްލުންދީފައެވެ. ޣައްޒާ ޢުދުވާން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ދަނީ ގަސްދުގައި އެމްބިޔުލާންސްތަކާއި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ހަސްފަތާލުތަކަށް ވެސް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޔަހޫދީ ފައުޖުން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ތެލާއި ކާބޯތަކެތީގެ އިތުރުން އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އޭގެ 11 ހަފުތާ ފަހުން، ކާބޯތަކެއްޗާއި އިންސާނީ އެހީގެ މަދު އަދަދެއް ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައިވީ ނަމަވެސް، އެއީ ޣައްޒާގެ ރައްޔިތުންނަށް މި ވަގުތު ބޭނުން ޖެހިފައިވާ މިންވަރާ އަޅައިބަލާއިރު ވަރަށް މަދު އަދަދެކެވެ. ޕީއާރްސީއެސުން ބުނީ، އެއްގަމު އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ހުސްވަމުން ދިޔުމާ ގުޅިގެން އެމްބިޔުލާންސްގެ ޚިދުމަތް ހުއްޓައިލަން މަޖުބޫރުވުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ.
ޕީއާރްސީއެސްގެ ރައީސް ޔޫނުސް އަލް-ޚަޠީބު ވިދާޅުވީ، އެމްބިޔުލާންސްތަކަށް ދީފައިވާ ގެއްލުންތަކުގެ އިތުރުން ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނާއި ތެޔޮ ހުސްވަމުން ދިޔުމާ ގުޅިގެން އެމްބިޔުލާންސްގެ ޚިދުމަތަަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ޚިދުމަތް މުޅިން ހުއްޓައިލަން މަޖުބޫރުވުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. “ވަކި މުއްދަތެއް ދަންނަވާކަށް ނޭނގޭ. މަދު ދުވަސްކޮޅަކަށް ވެސް ވެދާނެ. އަޅުގަނޑުމެންގެ އަތުގައި ހުރި ތެޔޮ ދަނީ ހުރަސްވަމުން. މި ވަގުތު ބޭނުން ކުރަމުން ދަނީ އެމްބިޔުލާންސްތަކުގެ ތެރެއިން އެންމެ ތިންބައިކުޅަ އެއްބައި،” ޚާޠީބް ވިދާޅުވިއެވެ. ޕެޓްރޯލް ބޭނުން ކޮށްގެން ދުއްވާ އެމްބިޔުލާންސްތަކުގެ ޚިދުމަތް މިހާރު ވެސް ހުއްޓައިލާފައިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، މި ވަގުތު ޚިދުމަތް ދިނުމަށް ބޭނުން ކުރަނީ އަވިން ހަކަތަ އުފައްދައިގެން ދުއްވާ އެމްބިޔުލާންސްތައް ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ، އެކުވެރި ދައުލަތްތައް (އދ)ން ފޯރުކޮށްދީފައިވާ އުޅަނދުތަކެކެވެ.
ގަސްދުގައި ގިނަ ބަޔަކު ޝަހީދު ކޮށްލުމަށް ހިންގާ ޖަރީމާއެއް
ޚަޠީބް ވަނީ ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ކުރިމަތި ކުރަމުންދާ ހުރަސްތައް ވެސް ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ، 11 ހަފުތާއަށް ފަހު ވަރަށް ކުޑަ މިންވަރެއްގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމުގެ ހުއްދަ ޔަހޫދީ ފައުޖުން ދީފައި ވަނީ ގަސްދުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމުގެ ހީލަތްތެރި ނިޔަތުގައި ކަމުގައެވެ. “އެއީ، ބަނޑަށްޖެހިފައިވާ ބަޔަކު ޝަހީދު ކޮށްލުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް،” އޭނާ ވިދާޅުވިއެވެ. ޣައްޒާގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ބެހުމުގެ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ޔަހޫދީން ރާވާފައިވާ ރޭވުމަށް ވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. އަދި، އެމެރިކާއާ އެކު ރާވާފައިވާ އެ ހީލަތްތެރި ރޭވުމަށް ނޫނެކޭ ބުނުމަށް އޭނާ ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ. “އެއީ މަޝްވަރާ ކުރަން ވެސް ޖެހޭ ކަމެއް ނޫން. ނޫން، ނޫން، ނޫން. [އެހީ ބެހުމަށް] މިހާރު އަމަލު ކުރަމުންދާ ނިޒާމު ބަދަލު ކުރުމުގެ ފުުރުޞަތު ދުނިޔެއިން [ޔަހޫދީންނަށް] ދީގެން ނުވާނެ،” އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައިވެރިވުމާ އެކުގައެވެ. އެ މަސައްކަތާ ޙަވާލުވުމަށް އެމެރިކާއިން ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދާފައެވެ. މި ހިނގާ މޭ މަހުގެ ފަހުކޮޅު، ޣައްޒާގައި އެހީ ބެހުމުގެ ހުރިހާ މަސައްކަތާ ޙަވާލުވުމަށް އެ ޖަމުޢިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ.
އެމެރިކާއާއި ގުޅިގެން ޔަހޫދީން ރާވާފައި އޮތީ ޣައްޒާގައި ބޮޑު ހަ ކޭމްޕު ނުވަތަ ޖަލު ޤާއިމު ކުރުމަށެވެ. އަދި، ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ޖަލުތަކަށް މަޖުބޫރުން ބަދަލު ކުރުމަށެވެ. އެއިން ކޮންމެ ޖަލަކަށް 5,000އާއި 6,000އާ ދެމެދުގެ އަދަދެއްގެ ޢާއިލާތައް ބަދަލު ކުރުމަށް ޔަހޫދީން އޮތީ ރާވާފައެވެ. އެ ޖަލުތަކުގެ ކޮންޓުރޯލު އޮންނާނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންގެ ކިބައިގައެވެ. އަދި، ޣައްޒާގައި އެކި ސަރަޙައްދުތަކުގައި އެހީ ބެހުމަށް ޚާއްޞަ ކޮށްފައިވާ މަރުކަޒުތަކެއް ޔަހޫދީ ފައުޖުން ޤާއިމު ކުރާނެއެވެ. އެ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތި ކުރުމަށް ނިންމާފައި އޮތީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
