
މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ރަސްމީކޮށް ހުޅުވައި ޚިދުމަތް ފަށައިފިއެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން މ. މުލީގައި ތަރައްޤީކޮށްފައިވާ މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށްޓަކާ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ދަޢުލަތުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ މުއްޔަށް ވަޑައިގަތުމުން، އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މުލީ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މުލީ ރައްޔިތުންގެ ފަރާތުންނާއި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ރަަސްމިއްޔާތުގައި މުލީގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ. މ. އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، މިއީ ރާއްޖޭގައި މިވަގުތު އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. މި އަތޮޅުގައި އެއަރޕޯޓެއް ޤާއިމުވެގެންދިޔުން އެއީ މި ސަރަޙައްދުގެ ރައްޔިތުން މީގެ އެތައް ޒަމާންތަކެއް ކުރިންސުރެ ދެކެމުންދިޔަ ހުވަފެނެކެވެ. އަތޮޅުގެ ވެރިކަންކުރާ ރަށް މުލީގައި ހުޅުވުނު މި އެއަރޕޯޓާއެކު ރައްޔިތުންގެ މި ޒަމާންވީ ހުވަފެނުގައި ހަޤީޤީ ކުލަޖެހި، ލަފާފުރުމުގައި އިތުރު ފަސޭހަތަކެއް އެ އަތޮޅުގެ ރައްޔިތުންނަށް މިހާރު މިވަނީ ލިބިފައެވެ.
އެންމެފަހުގެ ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތަކާއެކު ޤާއިމުކޮށްފައިވާ މުލި އެއަރޕޯޓުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2021 ގައެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ހަމަ އެއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި އެކުންފުނިން ވަނީ ފަށާފައެވެ. ޑޮމެސްޓިކް އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ. އަދި ފަހުގެ ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މުލީ އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ މީގެކުރިން އެރަށު އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމުން ބަޔަކާއި، ރަންވޭގެ ވަށައިގެން އިތުރަށް 14 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެއަރޕޯޓުގެ މަސައްކަތްތައް ނިންމާ، އޮޕަރޭޝަނަަށް ގެނައުމަށްވާންޖެހޭ ތައްޔާރީތަކަށްފަހު ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 25 ވަނަ ދުވަހުއެވެ. އަދި މުލީ އެއަރޕޯޓަށް ކޮމަރޝަލް ދަތުރުތައް ކުރުމަށް ރީޖަނަލް އެއަރޕޯޓްސްއިން ހުޅުވާލުމާއެކު ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވަނީ އެކަމުގެ ޝަޢުގުވެރިކަން ފާޅުކޮށް، ޓިކެޓް ވިއްކަން ހުޅުވާލާ، މިމަހުގެ 24 ގައި ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަންގެ ދަތުރުތައް މުލީ އެއަރޕޯޓަށް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުއެވެ. މިއީ ގާތްގަނޑަކަށް 35 މިނެޓުގެ ދަތުރެކެވެ. މި ރޫޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް މޯލްޑިވިއަންގެ ޕްރީމިއަމް އިކޮނޮމީގެ ޚިދުމަތް ލިބޭނެކަމަށް އެ އެއަރލައިނުން މައުލޫމާތުދެއްވައެވެ. މުލީ އެއަރޕޯޓުގެ އޮޕަރޭޝަންތައް ރަސްމީކޮށް ފެށުމާއެކު، ދަތުރުފަތުރުގެ ލުއިފަސޭހައިގެ އިތުރުން ވިޔަފާރިއާއި އިޤްތިޞާދީގޮތުންވެސް އަތޮޅަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ...
އިނގިރޭސި ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ސަބަބުތައް ކޮންމެ ދިވެއްސަކަށް އެނގެންޖެހޭ
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ ދިވެއްސަކު އިބުރަތް ލިބިގަންނަންޖެހޭ މުހިއްމު ދުވަހެކެވެ. ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން މެދުވެރިވީ ދާޚިލީ ފިތުނަވެރިކަމާއި، އިޤްތިޞާދީ...
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
