
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާ ކުރުމަށް ފަހު، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދޭނެ ކަމުގައި ޔަހޫދީން ބުނެފިއެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއަށްފަހު، ޣައްޒާއަށް އެއްވެސް ވަރަކަށް ކާބޯތަކެތި އެތެރެ ކޮށްފައެއް ނުވެއެވެ. އަދި، މި ޖަރީމާއާ ގުޅިގެން ޣައްޒާގައި ހާލުގައި ޖައްސައި، ނިކަމެތި ކޮށްލާފައިވާ އެތަކެއް ހާސް ބަޔަކު ވަނީ ހައިހޫނުގައި ޖެހިފައެވެ. ޣައްޒާއަށް މަދު އަދަދަކަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދޭން ނިންމާފައިވާ ކަމުގައި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ، ޣައްޒާގެ ޢުދުވާން އިތުރަށް ފުޅާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އިތުރު ބިންތައް ފޭރިގަތުމަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން މިހާރު ދަނީ އެ ސަހަރުގެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކުގައި ޢުދުވާން ހިންގަމުންނެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޢުދުވާނުގެ ދަށުން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ނުރައްކާތެރި އަދި ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 140އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 464 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ޣައްޒާއަށް މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަން ޒަޔަނިސްޓުންގެ ސަރުކާރުން ކަށަވަރު ކޮށްދީފައިވާ ކަމުގައި، އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާ (އޯސީއެޗްއޭ)ގެ ވެރިޔާ ޓޮމް ފްލެޗަރގެ ތަރުޖަމާނު އެރީ ކާނޭކޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އެ އިދާރާއާއި ޔަހޫދީންނާ ދެމެދު މަޝްވަރާތައް ފަށާފައިވާ ކަމުގައެވެ.
ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދޭނެ ކަމުގައި ޔަހޫދީން ހާމަކޮށްފައި މި ވަނީ، ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޔަހޫދީންނާއި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެމެދު ނުރަސްމީ މަޝްވަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މަޝްވަރާތަކުގައި މެދުވެރިންގެ ގޮތުގައި ބައިވެރިވަނީ މިޞްރާއި ޤަޠަރުންނެވެ. އެންމެ ފަހުން ޤަޠަރުގެ ދަވްޙާގައި ބޭއްވި މަޝްވަރާތަކުގައި އެއްވެސް ކުރިއެރުންތަކެއް ހޯދިފައި ނުވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. ޙަމާސްގެ އިސް އޮފިޝަލަކު ބުނީ، މަޝްވަރާތަކުގައި ގޮތް ދޫކުރުމަށް ޔަހޫދީން ދެކޮޅު ހަދަމުންދާ ކަމުގައެވެ. އަދި، ޢުދުވާން ހުއްޓައިލުމަށް އިންކާރު ކުރަމުންދާ ކަމުގައެވެ. މީގެ އިތުރުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން އެއްވެސް ޝަރުޠަކާ ނުލައި މިނިވަން ކުރުމަށް ވެސް ޔަހޫދީން ބާރުއަޅަމުންދާ ކަމުގައެވެ. ނަމަވެސް، ޙަމާސުން ހުށަހަޅާފައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވުމުން ހުރިހާ އަސީރުން މިނިވަން ކުރުމަށެވެ. އަދި، ޣައްޒާގެ ފުރަބަންދު އުވައިލައި، ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ ޖަރީމާތަކަށް ހުށަހަޅާފައިވާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
