
(ފޮޓޯ ކްރެޑިޓްސް:: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ 2.3 މިލިޔަން މީހުުންގެ އާބާދީގެ ތެރެެއިން ބައި މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެހެމުންދާ ކަމުގައި، ކާބޯތަކެތި ރައްކާތެރިކަމުގެ ހާލަތު މޮނިޓަރު ކުރާ ބައިނަލްއަޤުވާމީ އިދާރާ، އިންޓެގްރޭޓެޑް ފުޑް ސެކިޔުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ)ން ހާމަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނީ، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންދާ ނަމަ، ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެ ސަހަރުގައި ދިރިއުޅޭ ބައި މިލިޔަނެއްހާ މީހުންނަށް ބަނޑުފުރާނަ މުއްތިކުރެވޭ މިންވަރަށް ކާބޯތަކެތި ހޯދުމަށް ހުރަސް އެޅިގެންދާނެ ކަމުގައެވެ. އަދި، އެ މީހުން ހައިހޫނުގައި ޖެހި، ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖެހިގެން ޝަހީދުވުމުގެ ފުރުޞަތު އޮތް ކަމުގައެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅަމުން ދަނީ ޔަހޫދީ ފައުޖުންނެވެ. އެ ކަން ކުރަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައެވެ. މާރިޗު 2ވަނަ ދުވަހު، ޣައްޒާގައި އިސްތިޢުމާރީ ވެރިކަމެއް ކުރަމުންދާ ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައެވެ. އަދި، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން ހުއްޓުވާފައެވެ. މީގެ އިތުރުން، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާނެ ތެޔޮ އެތެރެ ކުރުމަށް ވެސް އޮތީ ހުރަސް އަޅާފައެވެ.
ޣައްޒާގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ހާލަތު މޮނިޓަރު ކުރަމުންދާ އައިޕީސީން ބުނީ، ހުސްވި އަހަރުގެ އޮކްޓޫބަރު މަހަށް ފަހު ޣައްޒާގެ ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމުގައެވެ. އަދި، ޔަހޫދީންގެ ފުރަބަންދާ ގުޅިގެން ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންވާނެ މިންވަރަށް ކާބޯތަކެތި ހޯދުމަށް އެ ސަހަރުގެ ރައްޔިތުންނަށް އިތުރު ހުރަސްތައް ކުރިމަތި ކުރުވާފައިވާ ކަމުގައެވެ. އެ އިދާރާއިން މި މޭރުމުން ބުނެފައި މި ވަނީ، ޣައްޒާގެ ރައްޔިތުންގެ ނިކަމެތިކަން އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަން ބައިނަލްއަޤްވާމީ އެހެން ޖަމުޢިއްޔާތަކުން ވެސް ހާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
2.1 މިލިޔަން މީހުން ހައިހޫނުގައި ޖެހުމުގެ ބިރު
އައިޕީސީން ބުނީ، ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގެ އާބާދީގައި ހިމެނޭ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ހޯދުމަށް ދަތިވާނެ ކަމުގައެވެ. އަދި، 469,500އަށްވުރެ ގިނަ މީހުންނަށް އެއްވެސް ވަރަކަށް ކާބޯތަކެތި ނުލިބި، އެ މީހުން ހައިހޫނުގައި ޖެހޭނެ ކަމުގައެވެ. ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖެއްސުމަކީ ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ހަނގުރާމައިގެ އުކުޅެއް ކަމަށާއި، އެއީ އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ބުނަމުންނެވެ.
ޣައްޒާގެ ރައްޔިތުން އިތުރަށް ނިކަމެތި ކޮށްލުމުގެ ނިޔަތުގައި ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބެހުމުގެ މަސައްކަތްތައް ޔަހޫދީ ފައުޖުގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ، ޓްރަމްޕްގެ ރުހުމާ އެކު ރާވާފައިވާ ރޭވުމެއްގެ ދަށުންނެވެ. ބޭނުމަކީ، ބަނޑަށްޖައްސައި ޣައްޒާގެ ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދު ކޮށްލުމެވެ.
ޔަހޫދީންގެ ހުށަހެޅުމުގައި އޮތީ، ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުން، އެ ސަހަރުގެ ދެކުނުގައި ޤާއިމު ކުރުމަށް ނިންމާފައިވާ ބޮޑެތި ހަ ކޭމްޕަށް ނުވަތަ ޖަލަށް މަޖުބޫރުން ބަދަލުކޮށް، އެ ތަނުގައި ބަންދު ކުރުމެވެ. އަދި، އެ ސަރަޙައްދުގައި އެހީދޭ ހަތަރު މަރުކަޒު ޤާއިމުކޮށް، އެހީ ބެހުމުގެ ހުރިހާ މަސައްކަތެއް ޔަހޫދީ ފައުޖުގެ ބެލުމުގެ ދަށަށް ގެންދިޔުމެވެ. އެ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތި ކުރުމަށް ނިންމާފައި ވަނީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ. ޔަހޫދީންގެ ރޭވުމުގެ ދަށުން އެހީ ބަހާ މަރުކަޒުތަކަށް ދިޔުމުގެ ހުއްދަ ދެވޭނީ ކޮންމެ ޢާއިލާއަކުން އެކަކަށެވެ.
އދއާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ޔަހޫދީންގެ ރޭވުމާ ދެކޮޅު
އައިޕީސީން ބުނީ، ޔަހޫދީންގެ ރޭވުމަކީ ހަމަޖެހޭ ރޭވުމެއް ނޫން ކަމުގައެވެ. އެ ހުށަހެޅުމުގެ ދަށުން، “ޣައްޒާގެ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކާބޯތަކެއްޗާއި، ފެނާއި، ހިޔާވަހިކަމާއި ބޭސް ފޯރުކޮށް ނުދެވޭނެ،” ކަމުގައި އެ އިދާރާއިން ބުންޏެވެ. “އެހީ ބެހުމަށް ރާވާފައިވާ އައު ހުށަހެޅުމުގެ ސަބަބުން ޣައްޒާގެ ބައެއް ރައްޔިތުންނަށް ކާބޯތަކެތި ލިބޭނެ ހުރިހާ ދޮރެއް ބަންދު ކުރެވޭނެ. [ހައިހޫނުގައި ޖެހިގެން] އިތުރު މީހުން މަރުން ސަލާމަތް ކުރުމަށާއި، މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލައާއި، ހައިހޫނުގައި ޖެހުމުން މީހުން ސަލާމަތް ކުރުމަށް ވަގުތުންވަގުތަށް ފިޔަވަޅުތައް އަޅަން ޖެހޭ،” އެ އިދާރާއިން ބުންޏެވެ.
ބިމެއްގެ ނުވަތަ ޤައުމެއްގެ ރައްޔިތުން ހައިހޫނުގައި ޖެހިފައިވާ ކަމަށް ކަނޑައެޅުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އެ ތަނެއްގެ %20 އިންސައްތަ މީހުންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ މިންވަރަށް ކާބޯތަކެތި ނުލިބުން ހިމެނެއެވެ. އަދި، ކުޑަކުދިންގެ އާބާދީގެ ތެރެއިން ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކަށް މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލަ ތަހައްމަލު ކުރަން ޖެހުން ހިމެނެއެވެ. އަދި، މަރުވާ ކޮންމެ 10,000 މީހުންގެ ތެރެއިން ދެ މީހަކީ ކާބޯތަކެތި ނުލިބިގެން ބަނޑަށްޖެހިގެން މަރުވާ މީހަކަށް ވާން ޖެހެއެވެ.
އައިޕީސީގެ ރިޕޯޓުގައި ބުނެފައި ވަނީ 2025 އޭޕްރީލާއި 2026 މާރިޗާ ދެމެދު ޣައްޒާގެ ކުޑަކުދިންގެ ތެރެއިން 71,000 ކުދިންނަށް ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލައާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އަދި، އޭގެ ތެރެއިން 41,100އެއްހާ ކުދިންގެ ހާލަތު ސީރިޔަސް ވާނެ ކަމުގައެވެ. އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވެނީ އުމުރުން ހަ މަހާއި ފަސް އަހަރާ ދެމެދުގެ ކުޑަކުދިން ކަމުގައި ވެސް އައިޕީސީން އިންޒާރު ކުރިއެވެ. އެ އިދާރާގެ ރިޕޯޓު އެކުލަވައިލާފައި ވަނީ އެކުވެރި ދައުލަތްތައް (އދ)ގެ ކަމާ ގުޅޭ އިދާރާތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެހީތެރިކަމާ އެކުގައެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
