(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއާޅާފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް، ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުމަށް އައު ފައުންޑޭޝަނެއް ޤާއިމު ކުރަމުންދާ ކަމަށް އެމެރިކާއިން ބުނެފިއެވެ. ޔަހޫދީން ދަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ދެ ފަރާތުން ޙަމަލާ ބަދަލު ކުރުން ހުއްޓާލައި, ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ވަނީ ފުރުޞަތު ދީފައެވެ. ނަމަވެސް މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން އަނެއްކާ ވެސް ވަނީ ޣައްޒާއަށް ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައިފައެވެ. އަދި، އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަލުން ވަނީ ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ.
ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން އެހީގެ ސާމާނު ޣައްޒާއަށް ނުވެއްދޭތާ ދެ މަސް ދުވަސް ފާއިތުވެފައިވާ އިރު މިއީ ޣައްޒާއަށް އެހީގެ ސާމާނު އެއްވެސް މިންވަރަކަށް ނުވެއްދި ފާއިތުވި އެންމެ ދިގު މުއްދަތެވެ. އޭގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޢާންމުން ދަނީ ބަނޑުހައިހޫނުކަން އިންތިހާ ދަރަޖައަށް ތަހައްމަލް ކުރަމުންނެވެ. ބޭހާއި ތެޔޮ ލިބޭނެ މަގެއް ވެސް ޣައްޒާގެ ރައްޔިތުންނަކަށް ނެތެވެ. އިސްރާއީލަށް ކަނޑައަޅާަފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވިދާޅުވީ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެފްއެޗްގެ ނަން ދީފައިވާ އައު ފައުންޑޭޝަންގެ ދަށުން ޣައްޒާއަށް އެހީގެ ސާމާނު ވައްދައި ބެހުމުގެ މަސައްކަތުގައި ޔަހޫދީންގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ޖީއެފްއެޗަށް ސަލާމަތީ ކަންކަން އިސްރާއީލުން ހަމަޖައްސައިދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހިލޭ ސާބަހަށް މަސައްކަތް ކުރާ, އަދި ސަރުކާރުގެ ޙިއްޞާއެއް ނެތި ހިންގާ މި ފައުންޑޭޝަން ޤާއިމް ކުރާކަން އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިޢުލާނު ކޮށްފައި ވަނީ މެއި މަހުގެ 8ވަނަ ދުވަހުއެވެ. އެ ފައުންޑޭޝަނާ ގުޅޭ މާ ގިނަ މަޢުލޫމާތެއް މިހާތަނަށް ޙިއްޞާ ކޮށްފައި ނުވާއިރު، އެ މަސައްކަތަކީ ޣައްޒާއަށް ވައްދާ އެހީގެ ތަކެއްޗާބެހޭ އެންމެހާ ކަންކަމުގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ކުރަމުންދާ މަސައްކަތެއް ކަމަށް ބެލެވެއެވެ.
އަލަށް ޤާއިމު ކުރި ޖީއެޗްއެފުން ޣައްޒާގައި އެހީގެ ސާމާނު ބަހާ އައު ނިޒާމެއް ތަޢާރަފު ކުރުމަށް ވަނީ ހުށަހަޅާފައެވެ. އެ ބަދަލު ގެނައުމުން މިހާރު އދއާއި އެހެން އެހީދޭ ބައިނަލްއަޤްވާމީ އެހެނިހެން ޖަމްޢިއްޔާތަކުން ގެންގުޅޭ ނިޒާމު ބޭނުން ކުރުން ހުއްޓާލާނެއެވެ. އެހެން ވެއްޖެނަމަ ކުރިއަށް އޮތް ތަނުގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި އެ ޖަމްޢިއްޔާތަކުގެ ޙިއްޞާއެއް ނެތުން އެކަށީގެންވެއެވެ. ޖީއެޗްއެފްގެ ހުށަހެޅުމުގެ ދަށުން އެހީގެ ސާމާނު ބަހާ މަރުކަޒުތަކެއް ޤާއިމުކޮށް، އެ މަރުކަޒުތަކުގެ ސަލަމަތީ ކަންކަން ބެލެހެއްޓުން ޙަވާލު ކުރާނީ އަމިއްލަ ކުންފުނިތަކާއެވެ. އެހީގެ ސާމާނު ހޯދުމަށް ޣައްޒާގެ ރައްޔިތުން ޖަމާވާން ޖެހޭނީ މި މަރުކަޒުތަކަށެވެ. ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ މަސައްކަތުން އދ އެއްފަރާތް ކުރުމަށް އެމެރިކާއާއި ޔަހޫދީން މަސައްކަތް ކުރަމުންދާތީ އިންސާނީ މަސައްކަތުގައި ޝާމިލުވާ ގިނަ ޖަމްޢިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފައުޅު ކޮށްފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ފައުންޑޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު ޙިއްޞާ ކުރާނެ ކަމަށް އެމެރިކާއިން ބުނެފައިވާއިރު ޖީއެޗްްއެފުން ކުރިމަގުގައި ހުށަހަޅާ ހުށަހެޅުންތަކުން މި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެކަން ސާފެއް ނުވެއެވެ.
އެމެރިކާގެ ހުށަހެޅުމަކީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން މިދިޔަ ހަފްތާގެ ތެރޭގައި އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުން ހުށަހެޅި ހުށަހެޅުމަކާ އެއްގޮތްކަމެއް ހުރި ހުށަހެޅުމެކެވެ. ޔަހޫދީން ހުށަހަޅާފައި ވަނީ އެހީގެ ސާމާނު ބެހުމަށް ހަތަރު މަރުކަޒެއް ޤާއިމު ކޮށް ކޮންމެ މަރުކަޒަކުން 300،000 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. އެ މަރުކަޒުތަކަށް ދިޔުމަށް ޣައްޒާގެ އުތުރުގެ ސަރަޙަައްދުގައި ތިބި މީހުންނަށް މަޖުބޫރު ކުރުވުމަކީ ޔަހޫދީންގެ ރޭވުމެވެ. ނަމަވެސް އެ ހުށަހެޅުމާ ދެކޮޅަށް އދއާއި އެހީދޭ ޖަމްޢިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފައުޅު ކޮށްފައެވެ. ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށް މީގެ ކުރިން ވެސް އެތައް ފަހަރެއްްގެ މަތިން ޔަހޫދީން އެ މީހުންނަށް ޙަމަލާ ދީފައިވާ ކަމަށް އެ ޖަމްޢިއްޔާތަކުން ވަނީ ފާހަގަ ކޮށްފައެވެ. ގިނަ ދުވަސްތަކެއް ވަންދެން އެހީގެ ސާމާނު ނުލިބުމުގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ދަނީ ގޯހުން ގޯހަށެވެ. އެހީ އެތެރެ ނުކުރެވޭތާ ގާތްގަނޑަކަށް ތިން މަހާ ކައިރި ވެފައިވާއިރު ޣައްޒާގެ ރައްޔިތުން ތިބީ ބަނޑުހައި ހޫނުކަމާއި ބަލިމަޑުކަމުގެ ތެރޭގައެވެ. ބަނޑަށް ޖެހިގެން ޣައްޒާގެ 57 ރައްޔިތުން ޝަހީދު ވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި ބަލި މީހުންނާއި ދުވަސްވީ މީހުންނެވެ.
އދގެ އިންސާނީ މަސައްކަތާބެހޭ އިދާރާގެ ތަރުޖަމާނު ޖެންސް ލާކް ވަނީ ޣައްޒާއަށް އެހީގެ ސާމާނު ފޯރު ކޮށްދިނުމަށް މިހާރު ޤާއިމް ކޮށްފައިވާ ނިޒާމު ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ކުށްވެރި ކުރައްވައިފައެވެ. މިއީ އެހީގެ ސާމާނު ފޯރުކޮށްދިނުން ހަތިޔާރަކަށް ހެދުމުގެ މަޤްސަދުގައި ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ވަނީ އެ ހުށަހެޅުން ސިފަ ކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
މިއަދުވެސް އުތުރަށް މޫސުން ގޯސް، ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ވައި ގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ. ސަމާލު ނެރެފަވަނީ ހއ. އަތޮޅުން ފެށިގެން...
ނަރުދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ. ނަރުދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި...
ޅައިމަގުގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށައިފި
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ. ޅައިމަގުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ...
ކުލަގަދަ ހަރަކާތްތަކަކާއެކު އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒު ފަށައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުލަގަދަ ހަރަކާތްތަކަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ހުޅުވައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މައުރަޒު އިފްތިތާޙްކޮށްދެއްވީ...
ކަނޑިތީމުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ށ. ކަނޑިތީމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ. ކަނޑިތީމުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ އެ ރަށުގައި ބޭއްވި...
ށ. ގޮއިދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ށ. ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ. ގޮއިދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ އެރަށުގައި ބޭއްވި ޚާއްސަ...