
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ވައްކަންކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގަން ނޫން ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ، ފިޔަވަޅު އަޅުއްވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ބޭރުގައި މިއަދު މެންދުރުފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ނޫނީ ގަވައިދާ ހިލާފަށް ކުރާ ކަމެއް ހުއްޓުވުމުގައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. މިއަދާ ހަމައަށް އައިއިރު އެކި މީހުން، އެކި ތަންތަނުގައި ކޮށްފައި ހުރި ކަންކަމުގެ މައުލޫމާތު ލިބުނީމަ އެކަމުގެ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތަކަށް ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
“އަޅުގަނޑު ބޭނުންވަނީ ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އާއި ނުގަވައިދުން ހިންގާ ކަންކަމުން ދުރުވެފައި އޮތް ސަރުކާރެއް ގޮތުގައި ހިނގަން. އެއީ އަޅުގަނޑު ވައުދުވި ގޮތަކީ ވެސް.” އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެންނެވި ހިސާބުން ކޮންމެ ކަމެއްގައި ވެސް ފިޔަވަޅު އެޅުއްވިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.
“މިހާރު މި ހިނގައިގެން އުޅޭ ކަންކަމުގައި ވެސް އަޅުގަނޑަށް އެނގުނު ހިސާބުން އަޅުގަނޑު ވާނީ ޕޮލިހަށް ދަންނަވާފައި. އެބޭފުޅުންގެ ގާނޫނީ ޒިންމާ އެ ބޭފުޅުން އެ އަދާކުރައްވަނީ،” ރައީސް ޑރ. މުއިއްޒު އެ އިޝާރާތް ކުރެއްވި ކަމަކީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް އާންމުވެފައިވާތީ އެކަމަށެވެ. އޭނާއަށް ލިބުނު ގޯތީގެ ވަށާ ފާރު ވެސް މިހާރު ހުރީ ރާނައިފައެވެ. އެކަމަކު، މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު “ބިންވެރިޔާ” ސްކީމްގެ ލިސްޓުގައި ފަޒީލް ހިމެނުނީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ. ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، ފަޒުލްގެ ބޭބެ އޮއްވައި އޭނާއަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތް ކަން ސާފުވެއެވެ.
“ބިންވެރިޔާ” ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީގެން އުޅޭ މައްސަލައިގައި ތަހުގީގަށް ޖާގަ ދިނުމުގެ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި އެޗްޑީސީގެ ބައެއް ބޭފުޅުން ވަނީ މަގާމުން ވަކިކޮށްފައެވެ.
ގޯތިތަކުގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ ވެރިންގެ ބައިވެރިވުމެއް އޮތް ކަމަށް ބެލެވިގެން ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް އާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު އަދި މިހާރުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވައްކަމާއި ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެ ކަމަށާއި މަގާމުތަކުގައި ތިއްބަސް ގާނޫނާއި ގަވައިދާ ހިލާފަށް ކަންކަން ކުރާކަން އެނގޭ ހިސާބުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
“ސަރުކާރުގެ އެއްވެސް ތަނެއްގައި އަޅުގަނޑު ބޭނުމެއް ނޫން ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ހިންގާކަށް. އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން. ގަވައިދާ ހިލާފަށް ކަމެއް ކުރާކަށްވެސް ނޫން.” ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށާއި އެގޮތަށް އަމަލު ނުކުރައްވާ ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
“އަޅުގަނޑު ކޮރަޕްޝަނުގެ އަމަލެއް ނޫނިއްޔާ ގަވައިދާ ހިލާފަށް ކުރާ ކަމެއް ހުއްޓުވުމުގައި ފަހަތަކަށް ނުޖެހޭނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި މިއަދާ ހަމަޔަށްވެސް އެކި ތަންތަނުގައި ނޫނިއްޔާ އެކިއެކި މީހުން އެގޮތަށް ކޮށްފައި ހުރި ކަންތައްތައް، ކަންކަމުގެ މައުލޫމާތު ލިބުމުން ނުވަތަ އަޑުއަޑު އިވުމުން އެކަމަކަށް ފިޔަވަޅު އަޅަން ކަމާއި ބެހޭ ފަރާތްތަކަށް އެމަނިކުފާނު ވާނީ ދަންނަވާފައެވެ. އަދި މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އަދި ނުގަވައިދުން ހިނގާ ކަންކަމުން ދުރުވެފައި އޮތް ސަރުކާރަކަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
