Read Time:16 Minute, 54 Second

(ފޮޓޯ ކްރެޑިޓްސް: ވަގުތު)

 

ގާނޫނުއަސާސީ އަށް މި ފަހުން ގެނައި ބޮޑެތި ބަދަލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދިފާއު ކުރައްވައިފިއެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެން ގާނޫނުއަސާސީއަށް ފަސް އިސްލާހެއް ގެނެސްފައިވެއެވެ. އއ. މަތިވެރީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ އެ އިސްލާހުތައް ދިފާއު ކުރެއްވި ސަބަބުތައް ތަފްސީލްކޮށް ވިދާޅުވެ ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ އިސްލާހުތައް ގެނައީ ގައުމަށް ހަމަޖެހުމާއި ތަރައްގީ ގެނެސް، ގައުމުގެ ސިޔާދަތު ހިމާޔަތް ކުރުމަށް ގެނައި އިސްލާހުތަކެކެވެ.

 

ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކަކީ ރައްޔިތުންގެ ދިފާއުގައި ،ރައްޔިތުންގެ ހައްގުގައި އަދި ރައްޔިތުންގެ އަތަށް ބާރުތައް ދާ ގޮތަށް ގެނައި އިސްލާހުތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ރާއްޖޭގެ ސަރަހައްދާއި ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުތައް މިލްކޮށްދިނުމާއި އަސްކަރީ ބޭނުންމަށް ދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކާއި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ގުޅޭ އިސްލާހުތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

(ފޮޓޯ ކްރެޑިޓްސް: ވަގުތު)

 

1- ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުން

ގާނޫނުއަސާސީއަށް ގެނައި އެއް އިސްލާހަކީ ރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމެވެ. މި އިސްލާހުގައި ރާއްޖޭގެ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ.

 

 

“މިހާރު ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކާއި ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން. މިއޮތް ހުރިހާ ދުވަހު ރާއްޖޭގެ ސަރަހައްދަށް ބަދަލަށް ގެންނަންޏާ ނުޖެހޭ ރައްޔިތުންގެ ބަހެއް ހޯދާކަށް. ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައިގެ ވޯޓަކުން ރާއްޖޭގެ ސަރަހައްދު ބަދަލުކޮށްލެވޭނެ. ނަމަވެސް އަޅުގަނޑުމެން މި ގެނައި ބަދަލުގައި އެންމެ އަކަ އިންޗިއެއްވެސް ބަދަލުކުރެވޭނީ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުން،” ރައީސް ވިދާޅުވިއެވެ.

 

 

ރައީސް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އަށް ގެނައި ބަދަލާއެކު، ރައްޔިތުންގެ މަޖިލިހަށް އެކަނި ރާއްޖޭގެ ސަރަހައްދެއް ބަދަލު ނުކުރެވޭނެއެވެ. އަދި އެކަން ކުރެވޭނީ ރައްޔިތުން ކައިރިއަށް ގޮސް، މަދުވެގެން 143،332 ރައްޔިތުންގެ ވޯޓަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

“މި ދެ މަރުހަލާ ކަޑައްތުކޮށްގެން ނޫނީ ރާއްޖޭގެ ސަރަހައްދީ ކަނޑު ވިޔަސް، ރާއްޖޭގެ އީއީޒެޑެއް ވެސް ބަދަލެއް ނުކުރެވޭނެ. އެހެންވީމަ ކުރިންތޯ މިހާރުތޯ ރައްޔިތުންގެ ބާރު ދިފާއު މި ކުރެވެނީ؟ މިހާރު ރައްޔިތުންގެ އަތް މައްޗަށް އައިސްފައި ނޫންތޯ މިއޮތީ ހަގީގީ ބާރު؟” ރައީސް ވިދާޅުވިއެވެ.

 

 

2- އަސްކަރީ ސިފައިން ނުތިބެވޭ ގޮތަށް ހަރުކަށި ކުރުން

ގާނޫނުއަސާސީގައި ކުރިން އޮންނަނީ ރައްޔިތުންގެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެ އިން ބޭރުގެ ފަރާތަކަށް، ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އަސްކަރީ ބޭނުމަކަށް ބޭރު ސިފައިންނަށް ތިބެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޢުލަބިއްޔަތުން ކަމަށް އޮތުމުން އޭގެ ނާޖާއިޒު ފައިދާ ސަރުކާރުތަކުން ނެގިކަމަށެވެ.

 

 

އެގޮތުން އަސްކަރީ މަރުކަޒެއް ނުހަދައި ރާާއްޖޭގައި ބޭރުގެ ސިފައިންނަށް ތިބެވޭގޮތް މަޖިލީހުގެ ރުހުމަކާ ނުލައި ހެދި ކަމަށާއި މިހާރު ގެނައި އިސްލާހަކީ އެކަންވެސް ހުއްޓުވުމަށް ގެނައި އިސްލާހެއްކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު، މިހާރު ތަމްރީނެއް ފިޔަވައި ބޭރުގެ އެންމެ ސިފައިންގެ މީހަކަށްވެސް ރާއްޖޭގައި އޮޕަރޭޓް ކުރެވޭނީ މަޖިލީހުގެ އަޢުލަބިއްޔަތުން ފާސްކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “މިހާރު ސިފައިންގެ އެންމެ މީހަކަށް ވެސް މި ތަނުގައި އޮޕަރޭޓް ކުރެވޭނީ ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން،” ރައީސް ވިދާޅުވިއެވެ.

 

މި އިސްލާހުން ވެސް ރައްޔިތުންގެ ބާރު އަތް މައްޗަށް ގޮސް، މި ބާރު ވެސް ރައްޔިތުން ހޮވާފައި ތިބި މަންދޫބުންނަށް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

3- މެމްބަރުކަމުގެ އިތުރު ޝަރުތުތައް ގާނޫނުއަސާސީގައި ހިމެނުން

 

 

ގާނޫނުއަސާސީ އަށް ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ދައްކާ އެއް ވާހަކައަކީ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް އިތުރުކުރުމެވެ.

 

 

މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މެމްބަރަކު، އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަ ގޮތުން ކުރިމަތިލައްވައިގެން އިންތިހާބުވި މެމްބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ މަޖިލިހުގެ މެމްބަރަކު، އެ މެމްބަރަކު މަޖިލިހުގެ އުމުރުގެ ތެރޭގައި ތަމްސީލް ކުރައްވާ ޕާޓީން އަމިއްލަ އަށް ވަކިވެވަޑައިގަތުން ނޫނީ ޕާޓީން ވަކި ކުރުމުންނެވެ. ރައީސް ވިދާޅުވީ އެއީ ވެސް ރައްޔިތުންގެ އަތްމައްޗަށް ބާރު އަނބުރާ ދިނުމަށް ގެންނެވި އިސްލާހެއް ކަމަށެވެ.

 

އެގޮތުން، މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ވޯޓުލަނީ އެ ކެންޑިޑޭޓެއް ހުރި ސިޔާސީ ފިކުރަކަށް ބަލައިގެން ކަމަށާއި ނަމަވެސް މެމްބަރުކަމަށް ހޮވުމަށްފަހު އެކި ސަބަބުތަކާހުރެ އެ ފިކުރު ބަދަލުކުރުމަކީ ރައްޔިތުން ވޯޓު ދިން ގޮތާ ހިލާފުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

މި އިސްލާހުގެ ސަބަބުން މެމްބަރުން ވެވަޑައިގެންނެވި އަހުދު ހިމާޔަތް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “ރައްޔިތުން މެމްބަރަކު ހޮވާފައި، އެ ރައްޔިތުން އޭނާ ހޮވި ސަބަބު ބޮލާލައި ޖަހާފައި ދިޔައީމަ ރައްޔިތުންގެ ހައްގު ކޮބައިތޯ؟ އެހެންވެ، އެކަން ހިމާޔަތް ކުރުމަށްޓަކައި އެކަން މި ޔަގީން ކުރަނީ ގާނޫނުއަސާސީން. ވަރަށް ސާފު މައްސަލައެއް މިއީ. އެހެންވީމަ ރައްޔިތުންގެ ބާރުވެރިކަން މިއިން ކަށަވަރުކޮށްދެނީ،” ރައީސް ވިދާޅުވިއެވެ.

 

 

4– ގާނޫނުއަސާސީ އަށް އިސްލާހެއް ގެނައުމުގެ ކުރިން ރައްޔިތުންގެ ވޯޓުން ފާސްކުރަން ޖެހޭ ހާލަތްތައް

ރައީސް ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ބެހޭ ގޮތުން ގާނޫނުއަސާސީގައި ކުރިން އޮންނަ މާއްދާއަށް މަޖިލީހުގެ މެމްބަރުންގެ ވޯޓަކުން ބަދަލު ގެނެވޭ ގޮތަށް އޮތުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް އޮތް ބާރެއް ނެގުމުގެ އިހްތިޔާރު މަޖިލީހަށް ލިބޭއިރު އެންމެފަހުން ގެންނެވި އިސްލާހާއެކު ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަންކަމުގައި ރައްޔިތުންގެ ވޯޓެއް ނުނަގަން މަޖިލީހުން ނިންމާނަމަ، އެކަމުގައިވެސް ރައްޔިތުންގެ ވޯޓެއް ބޭނުންވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

 

 

ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކުން ފާސް ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ ހިޔާލު ފާޅުކުރުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ވޯޓު ދިނުމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ރައްޔިތުންގެ މަޖިލިހުގެ އުމުރާއި ރިޔާސީ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް ހިމެނެއެވެ.

 

 

“އަޅުގަނޑުމެން މި އިސްލާހު ގެނައުމުގެ ކުރިން ފެންނަ، ނުފެންނަ ވޯޓު ނެގުމާއި ނުނެގުން ބަދަލުކޮށްލެވޭ މަޖިލިހުން. ފެންނަ، ނުފެންނަ ވޯޓެއް ނަގާނެ ކަމެއް ނެތޭ، ފެންނަ، ނުފެންނަ ވޯޓެއް ނުނަގާނަމޭ. އެގޮތަށް، އެ މާއްދާއަށް ބަދަލު ގެނައުމުގެ ބާރު މަޖިލިހަށް އޮތޭ. އެކަމަކު، މިހާރު މި ގެނައި ބަދަލަކީ އެ މާއްދާ ބަދަލު ކުރެވޭނީ ވެސް ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށް ގޮސްގެންނޭ. މާނައަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ހުރި ކަންކަން ހިމެނޭ މާއްދާ ވެސް ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނޭ. އިތުރު ލޭޔަރެއް ލައި ރައްޔިތުންނަށް ބާރުވެރިކަން މި ދިނީ،” ރައީސް ވިދާޅުވިއެވެ.

 

 

5- ތަރައްގީގެ ޕްލޭންތައް އެކަށައެޅުމުގެ ބާރު ރައީސަށް

 

ގާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު ރައީސުލްޖުމްހޫރިއްޔާގެ ބާރުތައްވެސް ވަނީ ފުޅާކުރެވިފައެވެ. މިގޮތުން، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި އިސްލާޙުގެ ދަށުން ލިބިދެއެވެ.

 

 

“ސިޔާސީ ތައައްސުބުން އެއްކިބާވެވަޑައިގެން، ވިސްނާވަޑައިގެންފި ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ބޭފުޅަކަށްވެސް ވަރަށް ފަސޭހައިން ފަހުމުވެވަޑައިގަންނަވާނެ ގާނޫނުއަސާސީ މިހާރުކަން މިއޮތީ ކުރިއަށްވުރެ ރަނގަޅަށް ރައްޔިތުންގެ ބާރުވެރިކަން ޔަގީންކުރެވިފައި. ރައްޔިތުންގެ ހައްގުތައް ރައްޔިތުންގެ އަތްމައްޗަށް ރައްޔިތުން ބޭނުންވާގޮތަށް ކޮންޓްރޯލް ލިބިފައި،” ރައީސް ވިދާޅުވިއެވެ.

 

 

 

 

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %