Read Time:7 Minute, 24 Second

 

 

ރާއްޖޭގެ ސިޔާސީ ތާރީޚުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ، ގޮނޑިއެއް ލިބިވަޑައިގަތުމާ ހަމައިން ތިމާ ދެ ފަހަރު ވިސްނަވާ ބޭފުޅެއް ނޫނެވެ. ހިތްހަމަ ނުޖެހިއްޖެ ކޮންމެ ވަގުތަކު ފަރުވާއަކަށް ހޯދަވަނީ ހަމައެކަނި އިސްތިއުފާއެވެ. 2012 ވަނަ އަހަރު ރައީސްކަމުން ލައިވް ޓީވީ ކުރިމަތީ ވަކިވެ ވަޑައިގެންނެވިއެވެ. 2023 ގެ ޖޫން މަހު، ވިހި އަހަރު ވަންދެން ލޭދީ ބޮޑުކުރި އެމްޑީޕީގެ ޕްރައިމަރީން ބަލިވެ، ބަލި ޤަބޫލު ނުކުރައްވައި ޕާޓީ ދޫކޮށްލެއްވިއެވެ. ހަމަ އެ ނޮވެމްބަރު މަހު، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަކިކުރަން 49 ސޮޔާ ވެއްދި ވޯޓާ ކުރިމަތިލެއްވުމުގެ ހިތްވަރު ނެތިގެން، ހަފްތާތަކަކަށް ފަހު ހަމަ ވަކިވެ ވަޑައިގެންނެވިއެވެ. ދެން ހެއްދެވި ގޮތަކީ، ގޮނޑި ދޫ ނުކޮށް “ނޯ-ޕޭ ލީވް” ގައި ދައުރު ހަމަވަންދެން ފިލައިގެން ހުންނެވީއެވެ.

 

 

2010 ވަނަ އަހަރު ހިންގި ކެބިނެޓް ޑްރާމާ ފެށީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވަން ފެށުމުންނެވެ. ހަޖަމު ނުކުރެއްވިގެން ވަޒީރުން 13 ބޭފުޅުން ލައްވައި، ހަމަ ވަގުތުގައި، ހަމަ ދުވަހު، ޖަމާޢަތުގައި އިސްތިއުފާ ދެއްވުވިއެވެ. ނަމަވެސް ހަ ދުވަސް ފަހުން، ހަމަ ވަޒީރުން ގެންނަވައި ހަމަ ވަޒީފާތަކަށް ބަދަލެއް ނެތި ތަކުރާރަށް ހަވާލުކުރެއްވިއެވެ. ދެ ހަފްތާ ތެރޭ ހިނގި ސިއްރަކީ، ހަ ދުވަހުގެ ތެރޭ ބޮޑެތި ފައިސާ ދީ، ފަޅުރަށް ބަހައިގެން، ތިމާ ދެކެ ހިތްހަމަ ނުޖެހިގެން ތިބި މަޖިލިސް މެމްބަރުން ގަތުމެވެ. “ޑިމޮކްރެސީގެ ބައްޕަ” ގެ ލަޤަބު ދިން ބޭފުޅާ ހިންގެވި ހަޑިމުޑުދާރު ޖަރީމާ ތާރީޚު ހަނދާން ކުރާނެއެވެ.

 

 

ތިމާ ކާމިޔާބު ނުލިބިގެން، ތިމާގެ ހަތިޔާރަކީ ހަމައެކަނި ތިމާ ކަމަށް ހީކޮށް، ރައްޓެހިން ލައްވައި ވޯޓަށް ކުރިމަތިލައްވައިގެން، ނަތީޖާ ދިމާ ނުވުމުން، ހަމަ ރައްޓެހިންގެ ސިޔާސީ ކެރިއަރ ދުއްވާލި ވާހަކަ ދިގެވެ. 2021 ގައި ނެރުނު ޢަލީ ނަސީރު (އަނަސް) ޑރ. މުޢިއްޒު ކައިރިން ބަލިވިއެވެ. 2022 ގައި ނެރުނު ޢަލީ ނިޔާޒު (އިންތި) ފައްޔާޒްގެ ކެމްޕޭންގެ ދަށުވިއެވެ. 2023 ގެ ރިޔާސީ ކެންޑިޑޭޓަށް ލިބުނީ ހަތް ޕަސެންޓެވެ. 2024 ގެ މަޖިލިސް ކެންޑިޑޭޓުންނަށް ލިބުނީ ސުމެކެވެ. 2026 ގައި ނެރުނު ޢަލީ އާޒިމް ވެސް ބަލިވިއެވެ.

 

 

ހަމައެކަނި ފަހަރަކީ 2018 ވަނަ އަހަރެވެ. ތިމާ ކުރިމަތި ނުލެވިގެން، ގާތް ރަހުމަތްތެރިޔާ، ކިތަންމެ ގެއްލުމެއް ނުދޭ ކަމަށް ހީކުރެއްވި ކުޑައިރުގެ ރަހުމަތްތެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙަށް ޓިކެޓް ދެއްވިއެވެ. ޕްލޭން ވަރަށް ސާފެވެ؛ ފަހަތުގައި ހުންނަވައިގެން ރިމޯޓް ކޮންޓްރޯލުން ޤައުމު ހިންގެވުމެވެ. ނަމަވެސް ރައީސް އޮފީހަށް ވެންނެވި ގޮތަށް، ރިމޯޓްގެ ބެޓެރި ޑަސްބިނަށް ލައި، ތަޅުތައް ބަދަލުކޮށް، ދައުލަތުގެ ބާރު ބޭނުންކޮށްގެން، ނަޝީދުގެ އަތުން ލަދުވެތި ގޮތަކަށް ޕާޓީ ކޮންޓްރޯލް ގެންދެވިއެވެ. ތިމާ ލެއްވި ޕްރޮކްސީ ކާމިޔާބުވި ހަމައެކަނި ފަހަރު ވެގެން ދިޔައީ، ތިމާގެ ސިޔާސީ ދުވަސް ދިޔަ ފަހަރަށެވެ.

 

 

ދެން 2023 ގައި “ދަ ޑިމޮކްރެޓްސް” ގެ ނަމުގައި ވިހި އަހަރު ވަންދެން ބިނާކުރި ޕާޓީ ދޫކޮށް، ފޯރިއާ ގޮތްތަކާ ވިދާޅުވެ ނުކުމެ ވަޑައިގެންނެވިއެވެ. ނަމަވެސް 2024 ގެ މަޖިލިސް ވޯޓުން ސުމެއް ލިބި، ދާނެ ތަނެއް ނެތިގެން، ހަމަ ކުރިން ދޫކޮށްލި ޕާޓީ، ހަމަ ކުރިން ފިލި ހޮހަޅަ ހޯދައިގެން، ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވީއެވެ. ލޯބިން ނޫނެވެ؛ ދެން ދާނެ ތަނެއް ނެތީތީއެވެ. 2026 ގެ އޭޕްރީލް މަހު، ހަމަ ހިތްހަމަ ނުޖެހިގެން ޤައުމު “ބްލޮކް” ކޮށްލާފައި ގާނާއަށް ވަޑައިގެން، ތިމާވެށީގެ ނަސޭހަތް ގަސްގަހަށް ދެއްވަމުން ދިޔަ ދުވަސްތަކަށްފަހު، ތިމާ ނެތަސް ޕާޓީ ކާމިޔާބު ހޯދި ތަން ފެނި ހަޖަމު ނުވެ، “ދެރަވެފައި ހުރި” ވާހަކަ ޓްވީޓް ކުރެއްވިއެވެ. ވަގުތުން ވަފާތެރިން ނުކުމެ ލީޑަރޝިޕް ބަދަލު ކުރުމަށް ގޮވައިލިއެވެ. ދެން ތިމާ ނުކުމެ ވަޑައިގެން ވިދާޅުވީ، “ޕާޓީ ސަލާމަތްކުރަން ޗެއަރޕާސަން ކަމަށް ކުރިމަތިލައިގެން” ހުންނެވި ވާހަކައެވެ. ހަމަ ތިމާ ރޯކޮށްލި ގެ، ތިމާ ނިއްވަން ނުކުތް ފަދައެވެ.

 

 

ރައްޔިތުންނަށް ސުވާލަކީ ހަމައެކަނި މިއެވެ؛ ނަޝީދު މިފަހަރު ވެސް ވަޑައިގެންނެވީ ޤައުމަށް ޚިދުމަތް ކުރައްވަންތޯ، ނޫނީ ދެން ސޮއި ކުރައްވާނެ އާ އިސްތިއުފާ ސިޓީއެއް ލިޔަންތޯ ސިޔާސީ ތާރީޚު ހެކިދެނީ ދެ ވަނަ ގޮތެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %